ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދަނިކޮށް، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ލުބްނާނުގައި ހުރި ތާރީޚީ ގޮތުން މުހިންމު ސަރަޙައްދުތަކެއް، އދ. ގެ ސަގާފަތާބެހޭ އިދާރާ (ޔުނެސްކޯ) އިން ދުނިޔޭގެ ހިމާޔަތްކޮށްފައިވާ ތަރިކައިގެ ލިސްޓުގައި ހިމަނައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ދެކުނު ކޮރެއާގެ ބުސާންގައި ބޭއްވި ޔުނެސްކޯގެ ކޮމިޓީ ބައްދަލުވުމެއްގައި ނެގުނު ވޯޓަކުންނެވެ. އެ ސަރަޙައްދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ތާރީޚީ ބިނާތަކަށް ލިބެމުންދާ ގެއްލުންތަކަށް ރިޢާޔަތްކޮށް، ކުއްލި އިޖުރާއަތެއްގެ ދަށުން ޖުމްލަ 6ސަރަޙައްދެއް ވަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓާއި، ނުރައްކަލުގެ ޙާލަތުގައިވާ ތަރިކައިގެ ލިސްޓުގައި އެއްފަހަރާ ހިމަނައިފައެވެ.
މި ލިސްޓަށް އަލަށް އިތުރުކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ، ހުޅަނގު އައްސޭރީގެ ސަބިޒްތިޔާނަކީ، ނާބުލުސް ކައިރީގައިވާ ފަރުބަދައެއްގެ މަތީގައި އޮންނަ މުޙިންމު އާސާރީ ސަރަޙައްދެކެވެ. އިހު ޒަމާނުން ފެށިގެން ރޯމަނުން އަދި އިސްލާމީ ތާރީޚުގެ ނިޝާންތައް ފެންނަން ހުރި މި ސަރަޙައްދަކީ، ޔަޙްޔާގެފާނުގެ ފަސްދާނުލެވިފައިވާ ބިން ކަމަށް އިސްލާމީ ތާރީޚީ ލިޔުންތަކުގައި ބުނެފައިވެއެވެ.
މި ލިސްޓުގައި ދެން ހިމެނީ، ލުބުނާނުގެ ދެކުނުގައިވާ ޖަބަލް ޢާމިލްގައި ހުންނަ ފަސް ކިއްލާއަކީ، ތާރީޚީ ފަސް ބިނާއެވެ. މީގެ ތެރެއިން ޤަލާޢަތުލްޝަޤީފް ޔަހޫދީންގެ ނިރުބަވެރި ސިފައިން ދާދިފަހުން ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ފަލަސްޠީނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، 2012 ވަނަ އަހަރުން ފެށިގެން މި ސަރަޙައްދުތައް ބައިނަލްއަޤުވާމީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރީ، ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުން އެ ބިނާތައް ސަލާމަތްކުރުމަށެވެ. ޙާއްޞަކޮށް، ޕާކެއް ހެދުމުގެ ނަމުގައި 200 ހެކްޓަރުގެ ބިން ފޭރިގަތުމަށް ޔަހޫދީ ދައުލަތުން ކުރާ މަސައްކަތުގެ ސަބަބުން ފަލަސްޠީނުގެ ފަތުރުވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ލުބްނާނުގެ ސަޤާފަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ޔަހޫދީންގެ ހަމަލާތަކުގައި ޤަލާޢަތުލްޝަމާޢު އަށް މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޤަލާޢަތުލްޝަޤީފަށް ވެސް ނުރައްކާ އޮތް ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
ޔަހޫދީން ލުބްނާނުގެ މި ތާރީޚީ ކިއްލާތަކަށް ހަމަލާ ދެމުންދަނީ، އެ ކިއްލާތަކުގެ ދަށުގައި ބިންގަރާސް ހަދައިގެން، އެ ތަންތަން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާކަމަށް ތުހުމަތުކޮށްފައެވެ.
ޔުނެސްކޯގެ މި ނިންމުމާއެކު ޔަހޫދީން އދއާ މެދު އޮތް ހިތްހަމަނުޖެހުން ވަނީ އިތުރަށް ބޮޑުވެފައެވެ. ޔަހޫދީ ދައުލަތުގެ ޚާރިޖީ ވުޒާރާއިން މި ސަރަޙައްދުތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުން ހުއްޓުވުމަށް ވަރުގަދަ ކެމްޕޭނެއް ކުރި ނަމަވެސް، ޔުނެސްކޯގެ މެންބަރު ޤައުމުތަކުން ވަނީ އެ ނިންމުން ފާސްކޮށްފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ލުބްނާނުގެ ޤަދީމީ ސަހަރެއް ކަމަށްވާ ޞޫރް ވެސް ވަނީ ނެތިދިއުމުގެ ނުރައްކާ އޮތް ތަރިކައިގެ ލިސްޓަށް އިތުރުކޮށްފައެވެ.
އަލްޖަޒީރާ ނޫހުން ކުރި ތަޙުޤީޤަކުން ހާމަވާ ގޮތުގައި، ޔަހޫދީ ދައުލަތުން ގެންދަނީ ގަސްތުގައި އިސްލާމީ އުއްމަތުގެ ތާރީޚީ ބިނާތައް ހަލާކުކޮށް، އެ ސަރަޙައްދުތަކުގެ ބިންތައް ފޭރެމުންނެވެ.