ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ، މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނަން: ޝިއުނާ


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަ ވެދާނެ ކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމައްސަލައިގަ ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. ނަމަވެސް ނިންމުމާމެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ނިންމައި، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށްވަނީ އޭސީސީއަށް ފޮނުވާފައެވެ.

އޭސީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ވެންޓިލޭޓަރު މައްސަލައިގަ އޭސީސީން ކުރަމުންދާ ތަހުގީގް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައިގަ ދައުވާ ކުރަން ފޮނުވުމުން، ދައުވާ ނުކޮށް އަނބުރައި ފޮނުވާލިއިރު ޕީޖީ ފާހަގަ ކުރި ކަންކަން މިހާރު ތަހުގީގް ކުރަމުންދާކަމަށެވެ.

އެގޮތުން އޭސީސީން ބަލަމުންދާ ކަންތައްތަކުގެ ތެރޭގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މައްސަލައާއި، ފައިނޭންޝަލްގެ މުއާމަލާތުގެ އިތުރު ތަހުގީގްތަކެއް ކުރަމުންދާކަމަށެވެ. މިމަސައްކަތް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވާއިރު، މައްސަލައިގަ އޭސީސީން ދައުވާ ކުރަން ފޮނުވުމާމެދު މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

"ކުރީގެ ތަހުގީގުގައި ނުހިމެނޭ ބައެއް މިއެގްރީމަންޓާއި ގުޅޭގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހަދާފަ އޮތީމަ އެކަމާއި ގުޅޭ ތަހުގީގް. އެހެންވީމަ މި ދެބައިގަވެސް ދައުވާ އުފުލަންޖެހޭ ވަރަށް ހެކި ހުރިއްޔާ ދައުވާ ކުރާ ގޮތަށް އަޅުގަނޑުމެން ފޮނުވާނީ" ޝިއުނާ ވިދާޅުވިއެވެ.

މިމައްސަލައިގަ ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާޠިލުކޮށް އާބިޓްރޭޝަން މެދުވެރިކޮށް ފައިސާހޯދަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާކަން ސަރުކާރުން ފާހަގަކުރެއެވެ.