ޚަބަރު

ތުރާކުނުގެ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްފި


ތިލަދުންމަތީ
އުތުރުބުރީ ތުރާކުނުގެ ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމް ރަސްމީކޮށް މިއަދު
އިފްތިތާޙް ކުރައްވައިފިއެވެ.



އެރަށުގައި ފެނާއި
ނަރުދަމާ ޤާއިމް ކޮށްފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުންނެވެ.



ތުރާކުނުގައި ގާއިމް
ކޮށްފައިވާ ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ
މިކަމަށްޓަކައި އެރަށުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް
މިނިސްޓަރ ތާރިގް އިބްރާހިމެވެ.



މި ރަސްމިއްޔާތުގައި އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް ދެއްކެވި
ވާހަކަފުޅުގައި މި މަޝްރޫއަކީ ތުރާކުނުގެ ތަރައްޤީއަށް ހުޅުވުނު ފަހި ފުރުސަތެއް
ކަމަށް ވިދާޅުވިއެވެ. އަމިއްލަ ފަރާތްތަކުންނާއި، ކުންފުނިތަކުގެ ފަރާތުން
ރަށްރަށުގެ ތަރައްޤީއަށްކޮށްދެއްވާ މިފަދަ ކަންކަމަކީ ސަރުކާރުން ބަލައިގަންނަ
ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 



ތުރާކުނު ކައުންސިލްގެ ރައީސް، އަލީ އަބްދުލް ލަތީފް ވިދާޅުވީ، ރަށުގެ ހުރިހާ
ގެއަކުން ނަރުދަމާ ނިޒާމް ބޭނުން ކުރަމުންދާ ކަމަށާއި، ފެނުގެ ޚިދުމަތްވެސް ބައެއް
ގޭގެއަށް މިހާރު ފޯރުކޮށްދީފައިވާކަމަށެވެ. ނަރުދަމާއާއި ފެނުގެ މައްސަލައަށްފަހު،
މިހާރު ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނި ނައްތާލުމުގެ
ނިޒާމެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.



އަލިފުޅު ތުއްތު ފައުންޑޭޝަނުން މި މަޝްރޫއަށް 80 މިލިއަން ރުފިޔާ
ޚަރަދުކޮށްފައިވެއެވެ. އެ ފައުންޑޭޝަންގެ ޕްރޮގްރާމް މެނޭޖަރ އާސިމާ ލުތުފީ
ވިދާޅުވީ، ތުރާކުނުގެ ފެނާއި ނަރުދަމާއަކީ އެ ފައުންޑޭޝަނުން މިހާތަނަށް
ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއު ކަމަށް ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވަނީ ފެނާއި ނަރުދަމާ ނިޒާމް އިންތިޒާމްކުރުމުގެ
މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ރަސްމީކޮށް ހަވާކުރައްވާފައެވެ.



600 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ތުރާކުނުގައި ނަރުދަމާ އާއި ފެނުގެ
ނިޒާމްގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުންނެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނަށާއި،
އެ ފައުންޑޭޝަންގެ ރައީސް ހުސެން އަފީފަށާއި، އަދި އަލްޓެކް މޯލްޑިވްސްއަށް ހަނދާނީ ފިލާތަކެއް ދެއްވާފައެވެ.