ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީކުރަން ނިންމައިފި


މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ނިންމައި ރަޖިސްޓްރީ ޕާޓީއާ ޙަވާލުކޮށްފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު 5،000 ވުރެ ގިނަ މެންބަރުންގެ ފޯމާ އެކުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއަދު ބޭއްވި އެ ކޮމިޝަނުގެ 396 ވަނަ ޖަލްސާއިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ނިންމައި އެ ޕާޓީއާ، ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބާއްވައި، އިންތިޤާލީ މަޤާމުތަކަށް އިންތިޚާބު ކުރަންޖެހޭ މެމްބަރުން މިމަހުގެ 8ގައި ވަނީ އިންތިޚާބު ކޮށްފައެވެ.
އެ ބައްދަލުވުމުގައި ޕާޓީގެ އިންތިޤާލީ ރައީސަކަށް ޕާޓީގެ މުއައްސިސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވަނީ އިންތިޚާބަކާއި ނުލައި ހޮވިފައެވެ. އެމްއެންޕީގައި 6 ނާއިބު ރައީސުން ތިއްބަވާނެއެވެ. ވާދަކުރާނެ އިތުރު މީހަކު ނެތިގެން، އިންތިޚާބަކާ ނުލައި ހަތަރު ނާއިބު ރައީސުން ވަނީ ހޮވިފައެވެ.

އެމްއެންޕީން ބުނެފައިވާ ގޮތުން އެޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މެމްބަރުންގެ އަދަދު 10،000 އަށް އިތުރުކުރުމެވެ.