ޚަބަރު

ޢަރަބިން ޔަހޫދީންނާ ގުޅުން ޤާއިމުކުރުމަކީ ބޮޑު ގޯހެއް: އީރާން


ޢަރަބި ޤައުމުތަކުން ޔަހޫދީންނާ ޤާއިމުކުރުމަކީ ބޮޑު ގޯހެއްކަމަށާއި އެ ނިންމުން ބަދަލުކުރުމަށް އީރާނުގެ އެންމެ އިސްވެރިޔާ ޢަލީ ޚާމަނާއީ ގޮވާލައްވައިފިއެވެ.

2020ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ސަރުކާރުގެ މޭސްތިރިކަމުގެ ދަށުން ޔޫއޭއީއާއި ބަޙްރައިންނާއި ސުދާނާއި މަޣްރިބުންވަނީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ގުޅުން ޤާއިމުކޮށްފައެވެ. އޭގެ ކުރިން ޔަހޫދީންނާ ގުޅުން ޤާއިމުކޮށްފައިވާ ހަމައެކަނި ޢަރަބި ޤައުމުތަކަކީ މިޞްރާއި އުރުދުންނެވެ. އަދި އިތުރު ޢަރަބި ޤައުމުތަކުން ޔަހޫދީންނާ ގުޅުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިސްރާއީލުންވަނީ ބުނެފައެވެ.

ޢަރަބިންނާއި ޔަހޫދީންނާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރަމުންދާ ދަނޑިވަޅެއްގައި އީރާނުގެ އެންމެ އިސްވެރިޔާ ޢަލީ ޚާމަނާއީ ވިދާޅުވީ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ގޯސްތަކެއް ހަދާފައިވާކަމަށާއި އެ ނިންމުންތަކަކީ އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާ ދެކޮޅަށް ކުރަމުންދާ ކަންތަކެއްކަމަށެވެ. އިސްރާއީލަކީ ޤައުމަކަށްވުރެ ބޮޑަށް ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ސިފަކުރައްވަމުން ޚާމަނާއީ ވިދާޅުވީ ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެވޭނީ އިސްލާމީ ޤައުމުތައް އެއްބައިވަންތަވެގެންކަމަށެވެ.