ޚަބަރު

ސޫދާނުގައި ބަޣާވާތްކޮށް ބޮޑުވަޒީރު ބަންދުކޮށްފި


ސުދާނުގައި ކުރަމުންދާ އަސްކަރީ ބަޣާވާތާ ދެކޮޅުހެއްދެވުމުން އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް ބަންދުކޮށްފިއެވެ.

ސޫދާނުގެ މަޢުލޫމާތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ޙަމުދޫކުގެ އިތުރުން ސަރުކާރުގެ އިސްވެރިންވަނީ އަސްކަރިއްޔާއިން ނުކުމެ ޙައްޔަރުކޮށްފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްކަރިއްޔާއިން ޙައްޔަރުކޮށްފައިވާ ސޫދާނުގެ އިސްވެރިންގެ ތެރޭގައި އެ ޤައުމުގެ މަޢުލޫމާތާބެހޭ ވަޒީރު ޙަމުޒާ ބަލޫލާއި ސިނާޢަތާބެހޭ ވަޒީރު އިބްރާހީމު އާލްޝައިޚާއި ސުދާނުގެ ވެރިރަށް ޚަރްޠޫމުގެ ގަވަރުނަރު އައިމަން ޚާލިދު ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.