ޚަބަރު

ދަނޑުވެރިކަމުގެ އާ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރަނީ


ދަނޑުވެރިކަމުގެ އާ އުފެއްދުންތައް
ރާއްޖެއަށް ތަޢާރަފްކުރުމުގެ ގޮތުން ރާއްޖޭގައި މިވަގުތު ނެތް ބާއްވަތްތައް
ހެއްދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.



ދަނޑުވެރިކަމުގެ އާ
އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ނުހައްދާ
ބާވަތްތައް ދަނޑުވެރިންނަށް ތަޢާރަފްކުރުމުގެ ދިރާސާ މަސައްކަތްތައް މިހާރުވެސް
ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން ހ.ދ ހަނިމާދޫ
އެގްރިކަލްޗަރ ސެންޓަރުގައި މިއަހަރުވެސް މި މަސައްކަތް އެދެވޭ ގޮތެއްގައި
ކުރިއަށް ގެންދެވިފައިވާކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން
ފާހަގަކުރައްވައެވެ.



ހަނިމާދޫ އެގްރިކަލްޗަރ
ސެންޓަރުގައި މިއަހަރުގެ ތެރޭ ރާއްޖޭގެ މާހައުލާއި ގުޅޭ، މޭބިސްކަދުރުގެ
މުޑުވަކަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަ އަދަދަކަށް ބޭނުންވާ
މާމެލާމެލީގެ ތެރެއިން އޯކިޑް، ޚަރަދު ކުޑަކޮށްހެއްދުމާއި، ކުކުޅު ކާނާގެ ގޮތުގައި
ރާއްޖެއަށް އެތެރެކުރާ އަގުބޮޑު މިކްސް ފީޑްގެ ބަދަލުގައި އަގު ހެޔޮ ކުކުޅު ކާނާ
ދެނެގަތުމުގެ ދިރާސާތައް ކުރިއަށްދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގައި މިހާރު ގެންގުޅޭ
ބަކަރި މުޑުވަކުގެ އުފެއްދުންތެރިކަން ހީނަރުވެފައިވުމާއިއެކު، ވިރާސީ މުއްސަނދި
ބަކަރިމުޑުވައް ބޭނުންކޮށްގެން ދަރިފަސްކޮޅު ހަރުދަނާ ކުރުމުގެ ތަޙުލީލުވެސް
ކުރިއަށްގެންދެވޭނެއެވެ.



ފިޝަރިޒް އެންޑް އެގްރިކަލްޗަރ
މިނިސްޓަރ  ޑރ މުޙައްމަދު ޝައިނީ ވިދާޅުވީ
ރާއްޖޭގައި ނުއުފެއްދޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބެރީސްއާ މިފަދަ އެކި ބާވަތްތައް ރާއްޖޭގައި
ހައްދައިގެން އެއިން އާމްދަނީ ލިބޭނެކަހަލަ ގޮތެއް ހެދުމަށްޓަކާ
މަސައްކަތްކުރައްވަމުންދާކަމަށެވެ.



މިނިސްޓަރ ޝައިނީ ވިދާޅުވީ
ރާއްޖެއަށް އެތެރެކުރާ އެކިކަހަލަ މޭވާ އާއި ތަރުކާރީގެ ބާވަތްތައް، މިއަންނަ
އަހަރުތެރޭ، ރާއްޖޭގައި އުފައްދާ ތަކެތީގެ ގޮތުގައި ބަދަލުކުރުމަށް
އަމާޒުކޮށްފައިވާކަމަށެވެ.



މިފަދަ ދިރާސާ މަސައްކަތްތައް
އިތުރުކުރުމާއި  ދިރާސާތަކުގެ އަލީގައި
ދަނޑުވެރިންނަށް އާމުޑުވައްތައް ތަޢާރަފްކޮށް އެ ބާވަތްތައް ރާއްޖެއަށް
އިމްޕޯޓުކުރާ މިންވަރު މަދުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.