ޚަބަރު

ސާޖިންގެ ޓްވީޓާއެކު އިނގިރޭސި މިނިސްޓަރެއްގެ ތަޢުރީފު ދިވެހި މަސްވެރިކަމަށް


ދިވެހީންގެ ދޮށީ މަސްވެރިކަމަކީ މުޅި ދުނިޔެއަށް މިސާލެއްކަމަށް އިނގިރޭސިވިލާތު މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.

އިންގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު ޑިވެލޮޕްމެންޓް އޮފީހުގެ ޕެސިފިކް އަދި ތިމާވެއްޓާބެހޭ ސަރަހައްދުގެ މިނިސްޓަރ، ޒެކަރިއަސް (ޒެކް) ގޯލްޑްސްމިތު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާން މަސްވެރިޔާ ހަސަން ސާޖިން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކާއި ގުޅިގެންނެވެ. މިނިސްޓަރ ޒެކް ވިދާޅުވީ މި ބާވަތުގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ވެސް މިސާލަކަށް ވާނެ ކަމެއް ކަމަށެވެ.

ދިވެހި މަސްވެރިކަމުގެ ހާއްސަ ސިފައެއް ކަމަށްވާ ދޮށީ މަސްވެރިކަމަކީ ދެމެހެެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއް ކަމަށް ދުނިޔޭގެ އެކި ފަރާތްތަކުން ބުނެއެވެ. ދާ އަޅައިގެން ކުރާ މަސްވެރިކަމަށް ވުރެ މިބާވަތުގެ މަސްވެރިކަމުގެ ކަނޑުގެ ޤުދުރަތީ ނިޒާމަށްވާ ގެއްލުން ކުޑަ ކަމަށްވެސް ކަމާއި ގުޅޭ މާހިރުން ފާހަގަ ކުރެއެވެ.

މިނިސްޓަރުގެ ޓްވީޓަށް އިނގިރޭސިވިލާތާއި އަދި އެހެން ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުން ވަނީ ކޮމެންޓު ކޮށްފައެވެ. އެގޮތުން މިއީ ހިއްވަރުދީ ދަމަހައްޓަން ޖެހޭ ބާވަތުގެ މަސްވެރިކަން ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މިބާވަތުގެ މަސްވެރިކަމުން ބާނާ މަސް އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާން އެދި ބައެއް މީހުން ވާހަކަ ދައްކާފައިވެއެވެ.

މިވާހަކަތަކުގެ ތެރެއިން، ބައެއް ދިވެހިން ވަނީ މިހާރު މަސްވެރިކަމާއި ގުޅިގެން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމަށް ނަގާ ޑިއުޓީ ބޮޑުކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން އެފަރާތްތަކާއި ހަމައަށް ފަސޭހައިން މަހުގެ އުފެއްދުންތަައް ފޯރުކޮށްދޭން ގޮންޖެހުންތަކެއް ހުރިކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފެވެ.

ދިވެހިރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި %22 ނަގާކަން ދާދިފަހުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި މަޝްވަރާ މަރުހަލާ ކުރިއަށް ގޮސްފައިވާކަން މިނިސްޓަރ ވަނީ ރައްޔިތުން މަޖިލީހުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިމަޝްވަރާތަކުގެ ތެރެއިން މިހާރު ޑިއުޓީ ދައްކަން ނުޖެހޭ ޤައުމުތަކެއް ކަނޑައެޅުމަށް އެބޭފުޅުން ހުށަހާޅާފައިވާ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމެއް ގޮތުގައި ދިވެހި މަސްވެރިކަން ބޭރު ދުނިޔޭގައި މަޝްހޫރުވެފައި އޮތްއިރު، މަސް އެކްސްޕޯޓު ކުރާ މާކެޓު ފުޅާކުުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.