ކުޅިވަރު

އެތުލެޓިކޯއާ އެއްވަރުކޮށް ސޮސެއިޑާޑް އެއްވަނައަށް


ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ އެއްވަރުކޮށް ރެއާލް ސޮސެއިދާދުން ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅެ ސޮސެއިދާދު އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގައި ވަރަށް ކުރީކޮޅު ސޮސެއިޑުން ލީޑް ނެގީ އެލެކްސެންޑާ ސޯލޮޓްގެ ލަނޑުންނެވެ. ދެވަނަހާފްގައި ސޮސެއިދާދުން ފެށީވެސް ލަނޑަކާ އެކުއެވެ. އެލްކްސެންޑާ އިސްސާކު ލަނޑުން ސޮސެއިދާދު ލީޑު ފުޅާކުރި އިރު އެތުލެޓިކޯއިން އެޓީމުގެ ފުރަތަމަ ލަނޑު ލުއިސް ސުއަރޭޒް ކާމިޔާބުކުރީ 61 މިނެޓުގައެވެ.

އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރީ 77 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ސުއެރޭޒްއެވެ. ލީގުގައި އެންމެ ފަހުން ސޮސެއިދާދު ދެކޮޅަށް ކުޅުނު 13 މެޗުގައި ސުއެރޭޒް ވަނީ 13 ލަނޑުޖެހުމުގައި ހިއްސާވެފައެވެ. އޭގެ ތެރޭގައި އޭނާ އިސްވެ ޖެހި 7 ލަނޑާއި އޭނާގެ ހިއްސާއާއެކު ޖެހި 6 ލަނޑު ފާހަގަކޮށްލެވެއެވެ. މި ނަތީޖާއާއެކު މީގެ 39 އަހަރުކުރިން ލަލީގާ ކާމިޔާބުކުރި ސޮސެއިދާދު އެއްވަނައިގަ އޮތީ 10 މެޗުން ހޯދި 21 ޕޮއިންޓާއެކުއެވެ.

ސޮސެއިދާދަށް ވުރެ އެއްމެޗު މަދުން ކުޅެގެން ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ދެވަނައިގައެވެ. ރޭގައި އަމިއްލަ ދަނޑުގައި ކުޅެ ސެވިއްޔާ 5-3 ލަނޑުން ލެވަންޓޭ މައްޗަށް ހޯދި މޮޅާއެކު އެޓީމު އޮތީ މެޑްރިޑާ އެއްވަރަކަށް ޕޮއިންޓު ހޯދައިގެން ތިންވަނައިގައެވެ. ހަތަރުވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 18 ޕޮއިންޓާއެކުއެވެ.