ޚަބަރު

ދަތުރުކުރައްވާއިރު މީހުން ދޭ ތަކެއްޗަށް ސަމާލުވުމަށް އެދިއްޖެ


ރާއްޖެއިން ބޭރަށްދާ މީހުންނާއި އަދި ބޭރު ޤައުމުތަކުން އެނބުރި ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާ ގެންދާ ތަކެއްޗަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ކުރައްވާ އިލްތިމާސް އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.މި އިލްތިމާސް ކުރެއްވީ މިފަދަ ކަންކަމާ ގުޅިގެން ދެރަ ގޮތްތައް އެކި ފަރާތްތަކަށް ދިމާވަމުންދާކަން ފާހަގަކުރެއްވޭތީ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މިދުވަސްވަރަކީ ސްކޫލުތަކުގެ އަހަރީ ޗުއްޓީގެ ދުވަސްވަރުކަމުން ގިނަ އަދަދެއްގެ މީހުން އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރު ކުރަމުންދެއެވެ.އެހެންކަމުން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި އަމިއްލައަށް ގެންދާ ތަކެއްޗާއި އެހެން މީހުން ޙަވާލުކުރާ ތަކެއްޗަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ކަސްޓްމްސް ސާރވިސްއިން އިލްތިމާސްކުރައްވަމުން ގެންދަވަނީ މުހިންމު ސަބަބުތަކެއް ހުންނާތީއެވެ.ރާއްޖެއަށް އެތެރެކުރުން ޤާނޫނީ ގޮތުން މަނާ ތަކެތި ހުރެއެވެ. އަދި އެފަދަ ތަކެތި އެތެރެކުރުމަކީ ޤާނޫނީގޮތުން ކުށްވެރިވާ ކަމެކެވެ. ބޭރު ޤައުމުތަކަށް ގެންދެވޭ އެ ޤައުމުތަކުގެ ޤާނޫނު ހުއްދަނުކުރާ ތަކެތީގެ ކަންކަމުގައިވެސް މިފަދަ ގޮތްތައް ދިމާވެއެވެ. ވުމާއެކު ބޭރު ޤައުމަކުން ރާއްޖެ އަންނައިރު އަމިއްލައަށް ގެންނަ ކޮންމެ އެއްޗަކާއި އެހެން މީހަކު ޙަވާލުކުރާ ކޮންމެ އެއްޗަކީ ރާއްޖެއަށް އެތެރެކުރުން ޤާނޫނީގޮތުން މަނާ ނޫން އެއްޗެއްކަން ބަލަންޖެހޭނެކަން ކަސްޓަމްސްއިން ފާހަގަކުރައްވައެވެ.މީހަކު އެއްޗެއް ރާއްޖެ ގެނެސްދިނުމަށް އެދި ޙަވާލުކުރުމުން، އެ ޙަވާލުކުރީ އެއްޗެއްގައި ހުރީ ކޮން އެއްޗެއްތޯ ޗެކްކުރުމަށް ފަހުގައި މެނުވީ ހަވާލު ނުވުމަށްވެސް ކަސްޓަމްސް ސާރވިސްއިން އިލްތިމާސް ކުރައްވައެވެ.މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ކަސްޓަމްސްގެ ޗީފް ކަސްޓަމްސް އޮފިސަރ ޒިވާރު އިސްމާޢީލް ވިދާޅުވީ ބައެއް ފަރާތްތަކުން އެއަރޕޯޓަށް ފުރަން އައިސް އޭނާގެ ފޮށިފަދަ ލަގެޖް ޗެކްއިން ކުރުމުގެ ކުރިން އެހެން މީހަކާ ބައެއް ތަކެތި ޙަވާލުކުރާކަމަށެވެ. އެއް ޤައުމުން އަނެއް ޤައުމަށް ގެންދަން މީހުން ދޭ ތަކެއްޗާ ހަވާލުވާއިރު، ޙަވާލުވުމުގެ ކުރިން، އެ އެއްޗެއް ޙަވާލުކުރި މީހާގެ ވަނަވަރު އޮޅުންވިލުވައި އެމީހާއަކީ ކާކުކަން ދެނެގަތުމަށްވެސް ކަސްޓަމްސްއިން ބާރުއަޅުއްވައެވެ.މިއަހަރުގެ މިހާތަނަށް އެތެރެކުރުން މަނާތަކެތީގެ ގޮތުގައި ގޮވާޒާތުގެ ތަކެއްޗާއި ހަތިޔާރާއި ދީނީ ގޮތުން ހުއްދަ ނޫން ތަކެތި ކަސްޓަމްސްއިން ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުންދައްކައެވެ. މިއަހަރު ކަސްޓަމްސްއިން އެތެރެކުރުން މަނާ ތަކެތީގެ ގޮތުގައި 1071 ތަކެތި ކަސްޓަމްސްއިން ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުންދައްކައެވެ.މިދިޔައަހަރު ކަސްޓަމްސްއިން އެތެރެކުރުން މަނާ ތަކެތީގެ ގޮތުގައި އެއްހާސް ތިންސަތޭކައަށް ވުރެއް ގިނަތަކެތި ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުންދައްކައެވެ.