ޚަބަރު

"އުތުރު ތިލަފަޅުގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނެތް"


އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތްކަމަށާ، އޭގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި އިސްތިޤުލާލަށް ނުރައްކާވެދާނެފަދަ ކަމެއްވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ބައެއް މެމްބަރުން މިހެން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، މިނިސްޓްރީ އޮފް ޑިފެންސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަމާގުޅޭ ބޭފުޅުންނާއެކީ ބޭއްވި އެކޮމިޓީގެ ބައްދަލުވުމަށްފަހުއެވެ. ކޮމިޓީގެ މެމްބަރުންނަށްވަނީ އެއްބަސްވުން ދައްކާލާފައެވެ. އަދި އެއްބަސްވުމާގުޅޭ ޕްރެޒެންޓޭޝަނެއްވެސް ކޮމެޓީގެ މެމްބަރުންނާ ޙިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލުވީ ނަމަވެސް، ރާއްޖޭގެ އަސްކަރިއްޔާއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު އާކަމެއް ނުކުރެވޭ ކަމަށެވެ. މިހާރުވެސް މަސައްކަތް ކުރިއަށްދަނީ 2016ވަނަ އަހަރު އެކުލަވާލި އެކްޝަން ޕްލޭނާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުންތަކެއްގެ ދަށުންކަމަށެވެ.

އިއްޔެގެ ކޮމިޓީގައި ދެއްކި ޕްރެޒެންޓޭޝަނަށްފަހު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރެއް ބަދަލުވެ، ވެރިން ބަދަލުވީނަމަވެސް ދެ ޤައުމެއްގެ ދޭތެރޭގައި ހެދިފައިވާ އެއްބަސްވުންތަކަކީ އެއަށް އިޙްތިރާމްކޮށް ކުރިއަށް ދާންޖެހޭ އެއްބަސްވުންތަކެއްކަމަށެވެ.

އުތުރު ތިލަފަޅު އެއްބަސްވުމަކީ 2016ވަނަ އަހަރުގެ އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކު ވެފައިވާ އެއްބަސް ވުމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތެއްގެ ގޮތުގައި ދިފާއީ ގުޅުން ތަރުތީބުކުރެވުނީ 2016ވަނަ އަހަރު އެކްޝަން ޕްލޭންގައި ސޮއިކުރުމުން ކަމަށެވެ. އަދި މިއީ ކުރެވުނު ވަރަށް މުހިންމު ކަމެއްކަމަށާ، މިއާއެކު ހަރުދަނާ ގޮތެއްގައި ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ހެދުމަށް ފަސޭހަ ވެގެން ދިޔަކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބަނދަރުތަކެއް ހަދައި، އެތަންތަނުގެ މަރާމާތާއި އެނޫން ކަންކަން ބެލެހެއްޓުމަށް ކުރީގެ ޑިފެންސް މިނިސްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހަގީގަތުގައި މިހާ ހިސާބަށް އައިރު އަޅުގަނޑު ވަރަށްހިތާމައާއެކު ދަންނަވަން އިންޑިއާއާއެކީ އަޅުގަނޑުމެންނަށް އާ ކަމެއް ނުކުރެވޭކަން. ހަމަ 2016ގެ އެކްޝަން ޕްލޭންގައި އެ ވިސްނަވާފަހުރި ވިސްނުންތައް އަޅުގަނޑުމެންނަށް މުއައްސަސާގެ އެއޮތް ބޭނުންތެރިކަމަށް ވިސްނާފަ އަޅުގަނޑުމެނަށް އޮޕަރޭޝަނަައިޒް ކުރެވެމުން މިދަނީ." މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ސަރުކާރުން ކުރަމުން އަންނަ ކަަމަކީ 2016ވަނަ އަހަރު ސޮއިކުރި އެކްޝަން ޕްލޭން އޮޕަރޭޝަނަލައިޒް ނުވަތަ ތަންފީޒުކުރުމެވެ. އަދި ބެއްލެވީ ޕްލޭނާ އެއްގޮތަށް އެންމެ އަވަހަށް އެންމެ ކައިރިން ޚިދުމަތް ދޭނީ ކޮން ބައެއްތޯ ބެލުމަށް ކަމަށާއި، އެހެންބަޔަކު ނުވަތަ އެހެން ޤައުމެއްގެ އެހީ މިކަމުގައި ހޯދުމަށްވުރެ އިންޑިއާއާއެކު ކުރިއަށް ދިއުން މާބޮޑަށްވެސް ރަނގަޅުކަމަށް ފެންނާތީ އެގޮތަށް ކުރިއަށް ދިޔައީކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަކީ ސަރުކާރުން ކަށަވަރު ކުރާނެ ކަމެއްކަމަށެވެ. އަދި އެފަދަ ކުޑަ ޖާގައެއްވެސް ލިބޭނެ ކަމެއް މިސަރުކާރުން ނުކުރައްވާނެކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ބޭނުމަކީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިނުން. ރާއްޖޭގެ ސަރުކާރެއް ނުވަތަ ސަރުކާރުގެ ވެރިންނަށް ތިއްބަވާ ބޭފުޅުން ބަދަލުވިޔަސް، ދެ ޤައުމެއްގެ ދޭތެރޭގައި އެއްބަސްވުމެއް ހެދި އަންޑަރޓޭކިންއެއް އޮތްކަމަށް ވަންޏާ އޭގަ އެއީ ރަނގަޅު ކަމެއްކަމަށް އަޅުގަނޑުމެންނަށްވެސް ދެން އަންނަ ސަރުކާރަކަށްވެސް ރަނގަޅުކަމެއް ކަމަށް ވަންޏާ އެކަން ކޮންޓިނު ކުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑުމެން ދެކެން." މިނިސްޓަރ ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ މުހިންމު ބައިތައް ކޮމެޓީ ބައްދަލު ކުރުމުގައި މެމްބަރުންނާ ހިއްސާ ކުރައްވާފައިވާއިރު، މެމްބަރުން ކުރެއްވި ގިނަ ސުވާލުތަކަށްވެސް މިނިސްޓަރ މާރިޔާއާއި، ސަލާމަތީ ބާރުގެ ވެރިކަން ވަނީ ޖަވާބު ދެއްވާފައެވެ.

މިމައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފްގެ އިސްވެރިން، މަޖިލީހުގެ 241 ކޮމިޓީއަށް ޙާޒިރުކުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރު ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. 241 ކޮމިޓީގައި އިދިކޮޅު މެމްބަރުންގެ ތެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރާއި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ހިމެނިވަޑައިގަންނަވައެވެ. ކޮމިޓީ ބައްދަލުވުމުގައި އާދަމް ޝަރީފް ޢުމަރުވެސް ބައިވެރިވެވަޑައިގަތެވެ.

އަތޯލާ

އެގްރީމެންޓޭ ކިޔާ ލިޔުމުގައި ނޫނޭ ގެއްލުން އޮންނަނީ. ގެއްލުންވާނީ އެގްރީމެންޓް ނަމުގައި އިންޑިއާ މީހުން މިތާ ތިބެގެން އަމަލުކުރާ ގޮތަކަށް