ޚަބަރު

ކަނޑުމަތީގެ ސަލާމަތީ މިންގަނޑުތަކާ ގުޅޭގޮތުން ވޯކްޝޮޕެއް ބާއްވަނީ


ކަނޑުމަތީގެ ސަލާމަތީ
މިންގަޑުތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް
ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.



އިކޮނޮމިކް މިނިސްޓަރ މުޙައްމަދު
ސަޢީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިހަފްތާގެ ތެރޭގައި ކަނޑުމަތީގެ
ސަލާމަތީ މިންގަޑުތަކާއި ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކޯސްޓްގާޑް
ގުޅިގެން ދޯނިތަކުގެ ކެޕްޓަނުންނަށް ޚާއްސަކޮށްގެން ވޯކްޝޮޕެއް ބޭއްވުމަށް
ހަމަޖެހިފައިވާކަމަށެވެ.



އަދި މިއީ ހުރިހާ ފަރާތްތަކުގެ
ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދަވާކަމެއްކަމަށްވެސް
މިނިސްޓަރ ސައީދު ވިދާޅުވެފައިވެއެވެ.



ސަރުކާރުން މި ނިންމެވުން
ނިންމަވާފައި މިވަނީ  ކ. މާފުށީ ކައިރީ
ކަނޑުމަތީ ހާދިސާއެއް ހިނގާ 2 ފަތުރުވެރިޔަކު އިއްޔެ މަރުވެފައިވަނިކޮށެވެ. މި ދެ ފަތުރުވެރިން މަރުވި ހާދިސާ
އާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ މުހައްމަދު 
ސައީދު  ކަންބޮޑުވުން
ފާޅުކުރައްވާފައިވެއެވެ.  



ލޯންޗަކާއި ޑައިވިންގެ ދޯންޏެއް
ޖެހި ހިނގި ހާދިސާގައި މަރުވެފައިވަނީ އުމުރުން 16 އަހަރުގެ، މެލޭޝިއާގެ
އަންހެންކުއްޖަކާއި އުމުރުން 42 އަހަރުގެ ޗައިނާގެ އަންހެނެކެވެ.