ޚަބަރު

ބޮޑު ހިލައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް 2 ބާޖު ގެންނަނީ


 ރާއްޖެއަށް ބޮޑު ހިލަ ގެނައުމުގައި ހުރި ދަތިތަކަށް ހައްލު
ހޯދުމުގެ ގޮތުން އިތުރު ދެ ބާޖު އަންނަ ޖެނުއަރީ މަހު ގެންނާނެ ކަމަށް އެމްޓީސީސީ
އިން ހާމަކުރައްވައިފިއެވެ.



އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ، ބޮޑު ހިލަ ލިބުނަސް
ހިލަ ގެނައުމުގައި، ލޮޖިސްޓިކަލް އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެކަމަށް
ހައްލު ހޯދުމަށް މި އަހަރުގެތެރޭގައި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަމަށެވެ.



ބޮޑު ހިލަ ގެނައުމަށް މި އަހަރުގެ ތެރޭގައި އިތުރު ދެ ބާޖް ގެނެސްފައިވާ
ކަމަށާއި، އަންނަ ޖެނުއަރީ މަހުވެސް އިތުރު ދެ ބާޖު ގެންނާނެ ކަމަށް
އަބަދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ. 
ބޮޑުހިލަ އިތުރަށް ހޯދުމަށް އިންޑިއާގެ އެހެން ސަރަހައްދުތައްވެސް ބަލަމުންދާ
ކަމަށާއި، ޗެންނާއީ އަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ބޮޑުހިލަ
ލިބުމުގައި ތާށިތަކެއް އައި ނަމަވެސް އެކަން މިހާރު ހައްލު ވެފައިވާކަމަށް
އަބްދުއްރައްޒާގު ވިދާޅުވިއެވެ.



މި ހުރިހާ ކަމަކާއެކު، އަންނަ އަހަރަކީ އެމްޓީސީސީ އިން ކުރަމުން އަންނަ
މަސައްކަތްތަކަށް އިތުރު ހަލުއި ކަމެއް އަންނާނެ އަހަރެއްކަން އެކުންފުނީ ގެ
ސީއީއޯ ފާހަގަ ކުރެއްވިއެވެ.