ވިޔަފާރި

ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު %108 އިތުރު އަދަދެކެވެ.

އޮންލައިންކޮށް ބޭއްވި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވަނީ ނިމިގެންދިޔަ ކުއާޓަރގައި ބޭންކުން ހޯދައިފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން ވާހަކަދައްކަފައެވެ. އެގޮތުން ޓިމް ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދާދި ފަހުން ތައާރަފްކޮށްފައިވާ ޑިޖިޓަލް ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ކުރިން ލަފާކުރި އަދަދަށްވުރެ މާލީ ގޮތުން ރަނގަޅު ނަތީޖާ އަށް ލިބިފައިވާކަން ޓިމް ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ކޮންޓެކްޓް ސެންޓަރ އަށް ގެނެވުނު އަޕްގްރޭޑާއި ތައާރަފް ކުރެވުނު ޑިޖިޓަލް ޕިން، އޮންލައިން ކާޑް ސަރވިސް އަދި ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓްރީ ކުރުންފަދަ އޮންލައިން ހިދުމަތްތަކާއި ގުޅޭގޮތުން ޓިމް ވިދާޅުވީ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާތަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ބޭންކުގެ އަމާޒަކީވެސް އަދި މަސައްކަތް ކުރަމުންދަނީވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކަމަށާއި، މި ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ ބޭންކު މިވަގުތު އޮތީ އަންދާސާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %108 އިތުރު އަދަދެއް ކަމަށާއި މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއްކަން ޓިމް ފާހަގަކުރެއްވިއެވެ.

"މިއީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނިކުތް ނަތީޖާއެއް. އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާއި އަޅާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައު އަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ." ޓިމް ވިދާޅުވިއެވެ.

ތިންވަނަ ކުއާޓަރުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުރު 5 ޕްރޮޖެކްޓް ވަނީ އެވޯޑުކޮށްފައެވެ. މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީއަށްކުރާ މަސައްކަތްތަކަށް އަމާޒުކޮށް މިހާތަނަށް 55 ޕްރޮޖެކްޓް ހިންގުމަށް ވަނީ އެހީތެރިކަން ފޯރިކޮށްދީފައެވެ.

އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށްވެސް ވެގެންދާނެކަމަށް އެބޭންކުން ދެކެއެވެ. ބެންކުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް މިއޮތް އަހަރެއްހާ ދުވަހު، ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ބީއެމްލުން ވަނީ ނިންމާފައެވެ.