ކުޅިވަރު

ޗެލްސީއަށް ބޮޑު މޮޅު، އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން 7-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. މެޗުގެ 8 ވަނަ މިނިޓްގައި މައުންޓް ޗެލްސީއަށް ލީޑުނަގައިދިންއިރު، މެޗުގެ 18 ވަނަ މިނިޓްގައި ކަލުމް ހަޑްސަން އޮޑޯއި ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ ރީސް ޖޭމްސްއެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނެޓްގައި ބެން ޗިލްވެލް ވަނީ ޗެލްސީގެ ހަތަރު ވަނަ ގޯލު ޖަހާފައެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ޗިލްވެލް ވަނީ ގޯލް ޖަހާފައެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑުން ޗެލްސީން ފަސް ވަނަ ގޯލެއް ޖެހިއެވެ. މެޗުގެ 85 ވަނަ މިނިޓްގައި މައުންޓް އޭނާގެ ދެވަނަ ގޯލު އަދި ޗެލްސީގެ 6 ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. އިތުރު ވަގުތުގައި މައުންޓް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ރުބެން ލޮފްޓަސް-ޗީކް ދިން ބޯޅައަކުންނެވެ. މައުންޓަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޗެލްސީއަށް ހެޓްރިކެއް ހަދައިދިން 20 ވަނަ ކުޅުންތެރިޔާއެވެ. ނޯވިޗާ ދެކޮޅަށް ކުޅުނު މި މެޗުގައި ޗެލްސީގެ މޭސަން މައުންޓް ހެޓްރިކެއް ހެދިއިރު، މިއީ އޭނާގެ ޗެލްސީ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މިއީ މިިދިޔަ 11 ވަރަކަށް އަހަރު ތެރޭ ލީގުގެ މެޗެއްގައި ޗެލްސީން ހަތް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއެކު ޗެލްސީން ލީގުގެ އެއް ވަނައިގައި ލީޑުނެގިއިރު، އެ ޓީމަށް ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމު ނުކުންނާނީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.