ޚަބަރު

ރައީސް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި މިދަތުރުފުޅަކީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ޒިގްޒެގް ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ. އަދި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އެވޯޑް ޙަވާލުކޮށްދެއްވިއެވެ.

މީގެ އިތުރުން، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ މިއުޒިކް ޝޯވއާއި، ކައިޓް ސަަރފިންގ ލައިޓް ޝޯވ އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރުގައެވެ. މިއަހަރު މިދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.