ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަޤާމުތަކަށް މީހުން ތަމްރީނުކުރުމަށް ސަމާލުވެލައްވާ: ނާއިބް ރައީސް


ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަޤާމުތަކަށް މީހުން ތަމްރީނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ވިލާ ކޮލެޖުގެ 'ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް' ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބްރައީސް ވަނީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ނަފާއެއްލިބޭ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި، އެހެން ނަމަވެސް މިދާއިރާގެ މަތީ ފަންތީގައި ދިވެހިންގެ ނިސްބަތް މަދުންކަން ފާހަގަކުރައްވާފައެވެ.

ވިލާ ކޮލެޖުގެ ކިޔު.އައި ކެމްޕަސްގައި ކުރިއަށްދިޔަ މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބްރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މިހާ ބޮޑު ހޭދައެއް ތަޢުލީމީ ދާއިރާއަށް ކުރުމުގެ ބޭނުން ވަރަށް ތަފްޞީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް މިހާ ބޮޑު ސަމާލުކަމެއް ދެނީ ޤައުމެއް ބިނާވެ ކުރިއަރައިދަނީ ތަޢުލީމީ ޤާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެން ކަމަށް ވާތީ ކަމަށެވެ.

ސަރުކާރުން ތަރައްޤީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ މި މަޝްރޫޢުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްޤީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޙަފުލާގައި ނާއިބްރައީސް ވަނީ ވިލާ ކޮލެޖުގެ 14 އަހަރުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ވިލާ ކޮލެޖުން ކުރައްވާ ބުރަ އަދި މަތިވެރި މަސައްކަތަށް ތަޢުރީފުކުރައްވާ އެކޮލެޖުގެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވަނީ މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ޙާޞިލުވާނީ ނުހަނު ބުރަ މަސައްކަތުންކަމަށާއި އަދި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަން ފާހަގަކުރައްވާފައެވެ. އަދި މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމަޢުގައި އުޅޭއިރު މީހުންނަށް އިޙްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް ބާރުއަޅުއްވާފައެވެ.

ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ޙާޞިލުކުރެއްވި ބައެއް ދަރިވަރުންނަށް މި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.