ކުޅިވަރު

ސާފް ގޭމްސްގައި ވާދަކުރާ ޒުވާން ޓީމް ނެގުމަށް 3 ދުވަހުގެ ކޭމްޕެއް


އަންނަ ފެބްރުއަރީ މަހު އިންޑިއާގައި އޮންނަ ސާފް ގޭމްސްގައި ވާދަކުރާ ދިވެހި ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ތިންދުވަހުގެ ކޭމްޕެއް އަންނަ މަހު މާލޭގައި އޮންނާނެކަމަށް ގައުމީ ޓީމްގެ ކޯޗް ބުނެފިއެވެ. ދިވެހި ސީނިއާ ގައުމީ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނީ ސާފް ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ސްކޮޑް އެކުލަވާލުމަށް ފަންސާހަށްވުރެން ގިނަ ކުޅުންތެރިންނާއިއެކު ތިން ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް މާލޭގައި އޮންނާނެކަމަށެވެ. އަންނަ ޖެނުއަރީ މަހުގެ އެގާރަވަނަ ދުވަހު އޮންނަ ޓްރެއިނިންގެ ކޭމްޕްގައި ފަންސާހަށްވުރެން ގިނަ ކުޅުންތެރިން ބައިވެރިވާނެކަމަށާއި، ކްލަބްތަކަށް މިހާރު މިކަމާއި ގުޅޭ ތަފްސީލްތައް ފޮނުވާފައިވާކަމަށެވެ. މި ތިން ދުވަހުގެ ތަމްރީން ކޭމްޕަށް އަތޮޅު ތެރެއިންވެސް ކުޅުންތެރިންނަށް ފުރުސަތު ދީފައިވާކަމަށާއި، މިގޮތުން ފުރުސަތު ލިބުނު ގިނަ ކުޅުންތެރިންނަކީ ނިމިގެންދިޔަ މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަކުރި ކުޅުންތެރިންކަމަށް ކޯޗް ބުންޏެވެ."ސާފް ގޭމްސްގައި ވާދަކުރާ ޓީމް ފައިނަލް ކުރުމަށް 50 ވުރެން ގިނަ ކުޅުންތެރިންނާއިއެކު ޖެނުއަރީ މަހު 3 ކޭމްޕެއް އޮންނާނެ. މި ކޭމްޕްގެ ބޭނުމަކީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ އެންމެ ރަނގަޅު ކުޅުންތެރިން މުބާރާތަށް ގެންދިޔުން" ކޯޗް ހާރބާޓް ބުންޏެވެ.12ވަނަ ސައުތް އޭޝިއަން ގޭމްސް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 6ން 16 އަށް އިންޑިއާގެ އައްސާމްގަައެވެ. ފުޓްބޯޅައިގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ގިނަ ކުޅިވަރުތަކަކުން މިހާރު އަންނަނީ މި މުބާރާތައް ތައްޔާރުވަމުންނެވެ.