ޚަބަރު

ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ މަޝްވަރާތަކަށް ހުރަސްއެޅިއްޖެ


ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް ކުރަމުންދާ މަޝްވަރާތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަމަށް އދން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސޫރިޔާއަށް އދން ކަނޑައަޅާފައިވާ މަންދޫބު ގަޔާ ޕެދަސަން ވިދާޅުވީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާއި ޢާއްމުންގެ ތަމުޞީލުވުމާއެކު ބޭއްވި ހަވަނަ ބުރުގެ ވާހަކަތަކުގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް ކުރަމުންދާ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުނުކަމަށެވެ. އަދި އެ ވާހަކަތަކުން ޙާޞިލުކުރަން ބޭނުންވި އެއްވެސް ކަމެއް ޙާޞިލުނުކުރެވުނުކަމަށް ވިދާޅުވެ ޕެދަސަންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފައުޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާ ދެމެދު އުފެދިފައިވާ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމަށް ދެ ފަރާތުގެ ދެމެދުގައި އިތުބާރު އޮތުން ވަރަށް މުޙިއްމުކަމަށެވެ.

ދިގުލައިގެން ގޮސްފައިވާ ދާޚީލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސޫރިޔާގައި އދގެ ބެލުމުގެ ދަށުން އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށްވަނީ އެއްބަސްވެފައެވެ. ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ 2018ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރަޝިޔާގައެވެ. އެ ފަހަރު އެއްބަސްވެފައިވަނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާއި ޢާއްމުންގެ ބައިވެރިވުމާއެކު 2019ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ ކުރިން ޤާނޫނުއަސާސީގެ ދެލިކޮޕީއެއް އެކުލަވާލުމަށެވެ. އަދި އެ މަސައްކަތަށް 45 މެންބަރުގެ މައްޗަށް އެކުލެވޭ ކުޑަ ކޮމިޓީއެއް އެކުލަވާލައި މަޝްވަރާތައް ބާއްވާފައިވެއެވެ.

ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް އެއްބަސްވެފައިވަނީ އެ ޤައުމުގައި ދާދިފަހުން ރިޔާސީ އިންތިޚާބެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާކޮށްފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދެވެ.