ކުޅިވަރު

އެސްޓަންވިލާގެ މައްޗަށް އާސެނަލް ކުރިހޯދުން


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި އެސްޓަންވިލާ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެތީމްގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދިނީ އާސެނަލްގެ އެމީލް ސްމިތު ރޯގެ ޕާހަކުން ތޯމަސް ޕާޓޭއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮއުބެމެޔާންގްއެވެ. މިއީ އާސެނަލްއަށް ލިބުނު ޕެނަލްޓީ އައުބެމެޔާންގް ފޮނުވާލުމުން އެސްޓަންވިލާގެ ކީޕަރ އެމިލިއާނޯ މާޓިނޭޒް މަތަކުރިނަމަވެސް ލިބުނު ރީބައުންޑްގައި ކާމިޔާބުކުރި ލަނޑެއް. މިމެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވެދިން ސްމިތު ރޯއެވެ. މިމެޗްގައި ވިލާއިން ކާމިޔާބުކުރީ ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ޖޭކޮބް ރަމްސީއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ 9 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވިލާ އަދިވެސް އޮތީ ނުވަ މެޗުން ލިބިފައިވަ 10 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.