ޚަބަރު

ކޯވިޑް-19ގެ ސަބަބުން 180،000 ޞިއްޙީ ޚިދުމަތްތެރިން މަރުވި


ކޯވިޑް-19ގެ ސަބަބުން 180،000 ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފިއެވެ.

ކޯވިޑް-19ގެ ސަބަބުން ޞިއްޙީ ޚިދުމަތްތެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވަނީ 2020ވަނަ އަހަރުގެ ޖަނަވަރީން 2021ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މަދުވެގެން 80،000 ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށެވެ. އަދި ކޯވިޑް-19އަށް ވެކްސިން ޖެހުމަށް އެކި ޤައުމުތަކުން ފަށައިފައިވާ މަޝްރޫޢުތަކުގެ ދަށުން ޞިއްޙީ ޚިދުމަތްތެރިންނަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަމެއް ދިން ނަމަވެސް ވެކްސިން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ވެކްސިން ޖަހާފައިވަނީ އެންމެ 40 އިންސައްތަ ޞިއްޙީ ޚިދުމަތްތެރިންކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެއެވެ. އޭގެ ތެރެއިން އެންމެ މަދުން ވެކްސިން ޖަހާފައިވަނީ އެފްރިކާފަދަ ފަޤީރު ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އެ ގޮތުން އެފްރިކާގައި ވެކްސިން ޖަހާފައިވަނީ ޞިއްޙީ ޚިދުމަތްތެރިންގެ 10 އިންސައްތައެވެ. ނަމަވެސް އެންމެ މުއްސަނދި 22 ޤައުމުގައި ޞިއްޙީ ޚިދުމަތްތެރިންގެ 80 އިންސައްތަވަނީ ވެކްސިން ޖަހައިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި 135 މިލިޔަން ޞިއްޙީ ޚިދުމަތްތެރިންވަނީ ވެކްސިން ޖަހައިފައެވެ.