ޚަބަރު

ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ، ދެ ފަތުރުވެރިން މަރުވެއްޖެ


ޑައިވިން ދޯންޏަކާއި ލޯންޗެއްޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިން މަރުވެއްޖެއެވެ. 

މާލެ އަތޮޅު މާފުށީ ކައިރީގައި މިރޭ އިރުއޮއްސި ހަގަޑި ތިރީސް އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މެލޭޝިއާގެ ފަތުރުވެރިއަކާއި ޗައިނާގެ ފަތުރުވެރިއެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.   

އެ ދެ މީހުން މާފުށީ ސިއްޙީމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓް ހިނގިއިރު ލޯންޗްގައި 4 މީހުން އަދި ޑައިވިން ދޯނީގައި 6 މީހަކު ތިބި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މިހާދިސާގައި އެކްސިޑެންޓް ވެފައިވަނީ މާލެއިން ފުރައިގެން ކ.މާފުއްޓަށް ދަތުރުކުރި ސަންލައިޓް ނަމަކަށްކިޔާ ލޯންޗަކާއި މާފުށި ޑައިވް ސެންޓަރުގައި ދުއްވާ ޑައިވިންގ ދޯންޏެވެ. 

މިހާދިސާގައި އެކްސިޑެންޓްވުމުގެ ސަބަބުން ދޯންޏާއި ލޯންޗުވަނީ އެވަގުތު އަޑިއަށް ގޮސްފައެވެ. އަދި އެވަގުތު މާފުށިން ދެ ދޯންޏެއް ނުކުމެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. މީގެ ތެރެއިން އެކިވަރުގެ އަނިޔާ ލިބުނު މީހުން ވަނީ މާފުށި ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާދީފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 

މިހާދިސާގައި އެކްސިޑެންޓުވި ޑައިވިންގ ދޯނި ފެންމަތި ކުރުމަށްފަހު މާފުށި ފަޅަށް ވައްދާފައިވާއިރު ލޯންޗު އަދިވެސް އޮތީ އެކްސިޑެންޓުވި ސަރަޙައްދުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.