ޚަބަރު

މެރިން ޕޮލިސްގެ ޚިދުމަތަށް 6 ލޯންޗް ހޯދައި ބޭނުންކުރަން ފަށައިފި


ރާއްޖޭގެ މެރިން ޕޮލިސްގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށްޓަކައި 6 ލޯންޗެއް ހޯއްދަވައި، ބޭނުންކުރަން މިއަދު ފަށައިފިއެެވެ. އަލަށް ގެނައި 6 ސްޕީޑް ލޯންޗް ރަސްމީކޮށް ބޭނުންކުރައްވަން ފަށްޓަވައިދެއްވީ މިކަމަށްޓަކައި މާލޭގެ އުތުރުފަރާތުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފެވެ.ފުލުހުންގެ ޚިދުމަތްތަކުގެ ތެރެއިން ކަނޑުމަތީގައި ހިންގާ ޙަރަކާތްތައް އިތުރަށް ފުޅާކުރައްވައި ތަރައްޤީކުރެއްވުމަށްޓަކައި، މެރިން ޕޮލިސްއަށް އަލަށް ހޯއްދެވި 6 ސްޕީޑް ލޯންޗް ރަސްމީ ގޮތުން އިފްތިތާޙުކުރެވިގެން ދިޔައީ މި ލޯންޗުތަކުގެ ތެރެއިން އެންމެ ބޮޑު ލޯންޗްގެ އިންޖީނު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ސްޓާޓްކޮށްދެއްވުމުންނެވެ. މި ލޯންޗުތަކުގެ ބޭނުންކުރެއްވުން ރަސްމީގޮތުން ފަށްޓަވައިދެއްވުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ އިސްވެރިން ވަނީ އެ ލޯންޗުތަކުގައި މާލެ ވަށައިގެން ދުއްވާލައްވާފައެވެ.  ސްޕީޑް ލޯންޗްތައް ބޭނުންކުރައްވަން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެޑް އޮފް މެރިން ޕޮލިސް، ޗީފް އިންސްޕެކްޓަރ އާދަމް ނިޔާޒް ވިދާޅުވީ، އަލަށް ހޯއްދެވި ސްޕީޑް ލޯންޗްތަކުގެ ސަބަބުން މެރިން ޕޮލިސްގެ ޚިދުމަތްތަކަށް އަންނާނެ ބަދަލުތައް ފާހަގަކުރެއްވިއެވެ.  މިއީ ސަރުކާރުން 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހޯއްދެވި ލޯންޗްތަކެކެވެ.