ޚަބަރު

ޕީއެސްއެމްގެ "ރެސްޕެކްޓް ކެމްޕެއިން" އިފްތިތާހުކޮށްފި


ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އިން އިސްނަގައިގެން "ރެސްޕެކްޓް ކެމްޕެއިން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް އިފްތިތާހް ކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހް ކޮށްދެއްވީ، ޓީވީއެމްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

މި ކެމްޕެއިނަކީ ބައިނަލް އަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބްގައި  އިހްތިރާމް ކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމަށް ރައީސް ކުރެއްވި އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން ފަށާ ޤައުމީ ކެމްޕެއިނެއްކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ޕީއެސްއެމް އިން މިކެމްޕެއިން ފެށުމަށް އިސްނެގީ ޕީއެސްއެމްއަކީ ޤައުމީ މީޑިއާ ހިންގުމުގެ ޒިންމާ ޤާނޫނީ ގޮތުން އެޅިފައިވާ ފަރާތްކަމުގައިވާތީއެވެ. އެހެންކަމުން ނިމުމެއް ނެތް ކެމްޕެއިނެއްގެ ގޮތުގައި މިކެމްޕެއިން ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށީކަމަށް ޚަލީލް ވިދާޅުވިއެވެ. އެގޮތުން ވަކި ފަރުދުންނާއި، ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކާއި ހަމަޔަށް މިކެމްޕެއިން ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ގައުމީ ކެމްޕެއިނެއްގެ ގޮތުގައި މިކެމްޕެއިން ކުރިއަށްދާނެކަމަށް ޚަލީލް ވިދާޅުވިއެވެ.   

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދަމުންދާ ކާމިޔާބީގެ މައްޗަށް އިޝާރާތްކުރައްވައި، ޤައުމުގެ ހަލުވި ތަރައްޤީއާއެކު މާނަވީ ތަރައްޤީވެސް ވަރަށް ބޭނުންކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ ރީތި ސިފަތަކާއި އަގުތައް ހަލާކުވެގެން ދިޔަގޮތާއި އެ އަގުތައް ހިފެހެއްޓުމަށް ބޭނުންވެފައިވާ މިންވަރު އޭނާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. އިކްރާމް ވިދާޅުވީ، ރާއްޖެއަށް ރައީސް ޔާމީން ކުރިއެރުން ހޯއްދަވައި ދެއްވަމުން ގެންދަވަނީ، ރާއްޖޭގެ ވީދިފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅުކުރައްވަން ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ކަމަށެވެ.

ރެސްޕެކްޓް ކެމްޕެއިން މިއަދު އިފްތިތާޙު ކުރިއިރު، މިކެމްޕެއިނަށް ތާއީދުކޮށް މިކަމުގައި ބައިވެރިވާކަން ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ހާމަކުރަމުންނެވެ.

މި ކެމްޕެއިން ލޯންޗުކުރުމާއިއެކު ޓީވީއެމްގެ ގޯތި ތެރޭގައި ވަނީ ސަޕްރައިޒް ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ފެށި ރެސްޕެކްޓް ކެމްޕެއިންނަކީ، މި ކެމްޕެއިން ބައިވެރިވުމުގެ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކެމްޕެއިނެކެވެ. ކެމްޕެއިން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، އެކޮނިމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޤައުމީ އެއަރލައިން މޯލްޑިވިއަނުން މި ކެމްޕެއިން އެބްޑޯޒްކުރެއްވިކަން ވަނީ އިޢުލާން ކުރައްވާފައެވެ.

މުޖުތަމަޢުގެ ހުރިހާ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައި އިޙްތިރާމްކުރުމުގެ އާދަ އަށަގެންނެވުމަށް މިކެމްޕެއިންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އަދި އެކަންކަމުގެ ތަފްޞީލްތައް ހާމަކުރައްމުން ގެންދާނެއެވެ. މިކަން ކުރަމުން ގެންދާނީ މިކަމަށް ޚާއްޞަ ކޯޑިނޭޝަން ކޮމެޓީއެއް އުފައްދައި އެކޮމެޓީގެ ވިލަރެސްކުރުމާއެކުއެވެ. އަދި ކެމްޕެއިން އެންޑޯޒްކުރާ ފަރާތްތަކުގެ ދައުރާއި ބައިވެރިވުމާއެކުއެވެ.