ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ ހިމަންދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ހިމަންދޫ ބަނދަރު ހުޅުވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހިމަންދޫއަށްވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ހިމަންދުއަށް ވަޑައިގަތުމުން ހިމަންދޫ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދުގައި އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ހިމަންދޫ ބަދަރު ހުޅުވުމަށްފަހު ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވަނީ އެރަށު ކައުންސިލާ ބަނދަރު ރަސްމީކޮށް ހަވާލުކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދަޅުވީ އެރަށުގެ ބަނދަރު ތަރައްޤީކޮށްފައިވަނީ ރަށު ރައްޔިތުން އެންމެ ބޭނުންވީ ގޮތަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވީ މީގެ ތިރީހަކަށް އަހަރު ކުރިއްސުރެ ރާއްޖޭގެ ބަނދަރުތައް އާދައިގެގޮތަކަށް ހަދަމުން އައިނަމަވެސް މިއަދު ބަނދަރުތައް ތަރައްޤީކުރަމުންދަނީ އެންމެ ކޮލެޓީ އަދި ގިނަ ދުވަސްތަކަށް ބޭނުން ކުރެވޭނެގޮތަށްކަމަށެވެ. މީގެ އިތުރުން ބަނދަރަކީ ކޮންމެ ރަށެއްގެވެސް މައި ދޮރާށި ކަމަށްވުމުން ބަނދަރުތައް ތަރައްޤީކުރަމުން ގެންދާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ.
ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބި ރަށަށް ޒަމާނީ ބަނދަރެއް ލިބުމުން އެރަށުގެ ރައްޔިތުން ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިގެންނެވެ.
ދަޢުލަތުގެ ބަޖެޓުން 47.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފެއްޓެވީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން އަށާވީސް ހާސް އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކައި 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ވަނީ ހަދާފައެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހައި އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ހަދާފައިވެއެވެ.
މީގެ އިތުރުން، 3 މީޓަރު ފުޅާ ކޮންކްރީޓް ފާލަމެއް ތަރައްޤީކޮށް، ބަނދަރާއި އިންވެގެން 1750 މީޓަރު ދިގު ދުވާރަކާއި މަގެއް ތަރައްޤީކޮށް، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ.