ކުޅިވަރު

ނިއުކާސްލް ޔުނައިޓެޑްގެ ކޯޗް ކަމުން ބްރޫސް ވަކިވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑްގެ ކޯޗު ކަމުން ސްޓީވް ބްރޫސް ވަކިވެއްޖެއެވެ. މަައުލޫމާތު ލިބިފައިވާގޮތުގައި ބްރޫސް މަގާމުން ވަކިވީ ކްލަބާއި އޭނާ އާއި ދެމެދު ވާހަކަ ދެކެވި ދެފަރާތުންވެސް އެއްބަސްވެގެންނެވެ.

ނިއުކާސްލްގެ ކޯޗް ކަމުން ސްޓީވް ބްރޫސް ވަކިވެފައިމިވަނީ އެކްލަބާއި ސައުދީ އަރަބިއާގެ ކުންފުންޏަކުން ހަވާލުވިތާ 13 ދުވަސް ފަހުންނެވެ. އަދި މިދުވަސް ކޮޅުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުން ނިއުކާސްލް ކުޅޭފައިވަނީ އެންމެ މެޗެކެވެ. އެއީ މިދިޔަ އާދީއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި އަމިއްލަ ދަނޑުގައި ކުޅެ 3 ލަނޑު 2 ލަނޑުން ބަލިވި މެޗެވެ. މިސީޒަގައި މިހާތަނަށް ނިއުކާސަލްއަށް މެޗް ކުޅެފައިވާއިރު އެންމެ މެޗަކުންވެސް މޮޅުވެފައެއް ނުވެއެވެ. އަދި ލިބިފައިވަނީ ތިން މެޗް އެއްވަރު ކޮށްގެން ލިބިފައިވާ ތިން ޕޮއިންޓެވެ. އެމެޗް އެގެންދިޔައީ ސްޓީވް ބްރޫސް ކޯޗެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވި އެއްހާސްވަނަ މެޗަށެވެ.

މަގާމުން ވަކިވުމަށްފަހު ވާހަކަ ދައްކަމުން ބްރޫސް ހާމަކުރިގޮތުގައި އޭނާ ކްލަބްގައި ހޭދަކުރި ދެ އަހަރަކީ އުނދަގޫތަކާއި ކުރިމަތިލި ދެއަހަރު ކަމަށާއި އަދި އުންމީދަކީ ކްލަބްގެ އާވެރިން ނިއުކާސްލް ގެންދަން ބޭނުންވާ އުސްމިނަށް ގެންދިއުންކަމަށެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ނިއުކާސްލްގެ ކޯޗު ކަމާއި ވަގުތީގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗް ގްރޭމް ޖޯންސްއެވެ. ނިއުކާސްލްއިން ބުނީ އެޓީމުގެ އާ ކޯޗް ހަމަޖައްސާނީ ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި ސްޓީވް ބްރޫސް ކްލަބަށް ކޮށްދިން ހިދުމަތަށް އެކްލަބުން ޝުކުރު އަދާކޮށްފައިވެއެވެ. ބްރޫސް ބުނީ މިއީ އޭނާގެ ކޯޗިން ހަޔާތުގެ ނިމުމަށް ވުން ވަރަށް ގާތް ކަމަށާއި ކްލަބަކަށް ކޯޗް ކޮށްދިނުމަކީ ވަރަށް ޕްރެޝަރު ބޮޑު ކަމެއް ކަމަށާއި އޭނާއަށް ކުރިމަތިވާ ނުރުހުންތަކުގެ ސަބަބުން އާއިލާވެސް ތިބެންޖެހެނީ ހާސްކަމުގެ ތެރޭގައި ކަމަށެވެ. އަދި މިހާރު އުމުރުން 60 އަހަރު ވެފައިވުމާއެކު އެފަދަ ހާސްކަމެއްގެ ތެރޭގައި އާއިލާ ބައިތިއްބަން އިތުރަށް ބޭނުން ނުވާކަމަށެވެ.