ކުޅިވަރު

ޔޫރަޕުގައި ޔުވެންޓަސް އަށް 150 ވަނަ މޮޅު


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕް އެޗްގައި އިޓަލީގެ ޔުވެންޓަސް އާއި ރަޝިޔާގެ ޒެނިތް އެސްޓީ ޕީޓަސްބާގް ކުޅުނު ޔުވެންޓަސް އިން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅެ ޔުވެންޓަސް މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗުގެ ޔުވެންޓަސް އިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސްވިޑެންގެ ޑިޖާން ކުލުސްވެސްކީއެވެ. މިއީ ސްވިޑެންގެ ޒަލަޓަން އިބްރަހިމްވިޗަށް ފަހު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއަށް ސްވިޑަން ކުޅެންތެރިޔަކު ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗު ޔުވެންޓަސް އިން ކާމިކިޔާބުކުރި ނަމަވެސް އެޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޒެނިތުގެ ގޯލަށް އަމާޒުކޮށް ޔުވެންޓަސްއަށް މުޅި މެޗުގައި ފޮނުވާލެވިފައިވަނީ އެންމެ 2 ހަމަލާއެވެ.

މި މޮޅާއެކު ޔުވެންޓަސް އިން ވަނީ ޔޫރަޕަ އާ ރެކޯޑެއް ގައީމުކޮށްފައެވެ. އެއީ މީގެ ކުރިން އިނގިރޭސި ދެ ކުލަބު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑު ހަދާފަވާ ރެކޯޑު ޔޫރަޕުގައި ވިދިވިދިގެން ރަށުން ބޭރުގައި 6 މެޗުން މޮޅުވުމުގެ ރެކޯޑެކެވެ. ރޭގައި މޮޅާއެކި ޔުވެންޓަސްއިން ވަނީ ވިދިވިދިގެން ރަށުން ބޭރުގައި 7 މެޗު ކާމިޔާބުކޮށްފައެވެ. ރޭގައި މި ގުރޫޕްގައި ޗެލްސީ މަލްމޯ އަތުން 4-0 ލަނޑުން މޮޅުވެފައެވެ.

ރޭގައި ހޯދި މޮޅާއެކު ޔުވެންޓަސް އަށް ވަނީ ގުރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ރޭގައި މޮޅުވި ޗެލްސީ ދެވަނައިގަ އޮތީ 6 ޕޮއިންޓާ އެކުއެވެ. ޒެނިތު ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ. މަލްމޯ އަށް އަދި މި ގުރޫޕުން ޕޮއިންޓެއް ނުލިބެއެވެ. ރޭގެ ހޯދި މޮޅާއެކު މިއީ ޔުވެންޓަސް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި 150 މެޗެވެ.