ޚަބަރު

މަތިވެރީގެ ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ: ރައީސް


އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، މަތިވެރި ފަދަ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ވީވަޢުދުތަކާއެކު ބިންޙިއްކުން ވީހާވެސް އަވަސްކުރުމަށް އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށާއި، އެކަމުގައި ސަރުކާރުން އެހީތެރިވެދޭނެކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތްތައް ހަލުއިވެގެން ދިއުމުން ބިންހިއްކުމުގެ މަޝްރޫޢޫތައް އަވަސްވެ، ބިން ހިއްކުމުގެ ވަޢުދުތައް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މަތިވެރީގެ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަރުކަޒު ބޮޑުކުރެވިގެންދާނެކަމަށާއި، އެތަނުގައި މިހާރު ޚިދުމަތްދޭ ވަގުތު އިތުރުކުރުމުގެ ކަންކަން ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަތިވެރީގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، އަންނަ އަހަރުގެ މެދުތެރޭގައި ގޭގެއަށް ފެން ގުޅައިދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަތިވެރީ ސްކޫލްގެ ކްލާސް ރޫމް އިތުރުކޮށް މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް، އަންނަ އަހަރު ނިންމައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ އެރަށުގައި އައު މިސްކިތެއް ބިނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބިންތަކާއި ރަށް ކައިރި އޮންނަ ފިނޮޅާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހީއްސާކޮށްފައެވެ.

އަދި ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް މާލެއަށްވުރެ ބޮޑު މައްސަލައާއި ގުޅިގެން މަތިވެރިންވެސް ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ފެނަކައާ ސްޓެލްކޯއާއެކު މަޝްވަރާކޮށް ލުއިތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި މަތިވެރީގެ ސިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމުގެ އިތުރުން، ފެނާއި ނަރުދަމާގެ މަސައްކަތްކުރިއަށްދާގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ.