ޚަބަރު

ސަސްގެ ކޯޗްކަން މޯހަން ދޫކޮށްލައިފި


މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުގެ މަގާމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވެއްޖެއެވެ. ސަސްއާއި މޯހަން ހަވާލުވެފައިވަނީވެސް ސީޒަންގެ މެދަކާއި ހަމައިންނެވެ. ސަސް އިން މިރޭ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނެފައިވަނީ ދެފަރާތުގެ އެއްބަސްވުމާއެކު ކޯޗުގެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކޮށްދިން ޚިދުމަތްތަކަށް ސަސް އިން ވަނީ މޯހަންއަށް ޝުކުރު އަދާކޮށްފައެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަން ބުނީ ސަސްއިން ވަކިވީ އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނޫންކަމަށާއި ދެ ފަރާތަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ މިއީ ކަމަށް ވާތީކަމަށެވެ. ނިމިގެންދިޔަ ސީޒަންގައި މުހައްމަދު ޝިޔާޒް (މޯހަން) އެންމެ ފުރަތަމަ ފެނިގެންދިޔައީ ޒުވާން ކުޅުންތެރިންގިނަ ކުލަބް އީގަލްސްއާއެކުއެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗްގައި ކުލަބް އީގަލްސްއިންވަނީ މާޒިޔާ ބަލިކޮށް ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފައެވެ. ނަމަވެސް ލީގްގެ ފުރަތަމަ ބުރުގައި އީގަލްސްއަކަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެއާއިއެކު އީގަލްސްގެ ކޯޗްކަމުން ދެ ފަރާތް އެއްބަސްވެގެން މޯހަންވަނީ ވަކިވެފައެވެ.

އީގަލްސް ދޫކޮށްލިތާ މާގިނަ ދުވަސްތަކެއްވެސް ނުވަނީސް މޯހަން ސަސްއާއި ގުޅުނެވެ. ސަސްއިން ލީގް ފެށީ އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައެވެ. މޯހަންގެ ކޯޗްކަމުގެ ދަށުން ސަސް މިދިޔަ ސީޒަނުގައި ކުޅުނު 8 މެޗުގެ ތެރެއިން އެޓީމު ވަނީ 2 މެޗު ކާމިޔާބުކޮށް، 2 މެޗު އެއްވަރުކޮށްފައެވެ. ސަސް އިން ލީގު ނިންމާލީ 14 މެޗުން ހޯދި 15 ޕޮއިންޓާ އެކު ލީގު ތާވަލުގެ 6ވަނާގައި އޮވެގެންނެވެ.

ތަޖްރިބާކާރު ކޯޗް މޯހަންވަނީ 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭފެ ފަހުން މޯހަންވަނީ ކުލަބް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ފުރަތަމަ ޑިވިޝަނުގައި ސަސް އާއި އީގަލްސްގެ އިތުރުން ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށްވެސް މޯހަންވަނީ ކޯޗްކޮށްދީފައެއވެ. ކުލަބް ފުޓްބޯޅައިގައި މޯހަން އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގައެވެ. އެކުލަބާއެކު މޯހަންވަނީ 2012 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2017ވަނަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕް ދ.ކުޑަހުވަދޫ ޓީމަށްވެސް މޯހަންވަނީ ހޯދާދީފައެވެ.