ޚަބަރު

ގަވާއިދަށް ނުފެތޭ އުޅަނދުތަަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލުކުރަނީ


ކުރިއަށްއޮތް 3 މަސްދުވަހުގެތެރޭގައި ޤަވާއިދާއި އެއްގޮތަށް ލައިފް ޖެކެޓާއި، ލައިފް ބޮއި ނުބަހައްޓާ ކަނޑު އުޅަނދުތަކުގެ ސީ ވާދިނަސް ސެޓްފިކެޓް ބާތިލް ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

ރާއްޖެއަށް އެންމެފަހުންކުރި ވިއްސާރައިގައި ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައި ބައެއް މީހުން ނިޔާވެފައިވާއިރު އެންމެ ބޮޑަށް ދެކެވެމުންދިޔައީ ކަނޑުދަތުރުފަތުރުކުރާއިރު އުޅަނދުތަކުގައި ލައިފްޖެކެޓް ނުހުންނަ މައްސަލައާއި، ލައިފްޖެކެޓް ނާޅުވާ މައްސަލައެއްވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ޢިއުލާނެއްގައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައިވާ ކަންކަމުގެ ތެރެއިން 11 ކަމެއް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފުރިހަމަކުރުމަށް އަންގާފައެވެ.

އޭގެ ތެރޭގައި ޤަވާޢިދުގައިވާ ގޮތަށް، މުއާސަލާތީ އާލާތްތައް ހަމަކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަން ޖެހޭނެކަމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުމާއި، "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް" ހެއްދުމުގެ އިތުރުން، އެ އުޅަނދެއްގައި އޮންނަންޖެހޭ "ސުވޭޖް ސެޓްފިކެޓް" ހެއްދުން ހިމެނެއެވެ. އަދި ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ ލައިސަންސާއި، ސަނަދުތައް އޮތުމުގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކޮށްފައި ހުންނަން ޖެހުމާއި، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހަޅަންޖެހޭނެކަމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިކަންކަން ފުރިހަމަކޮށްފައިނުވާނަމަ ކުރިއަށް އޮތް 3 މަސްދުވަސް ފަހުން އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެކަމަށެވެ.