ވިޔަފާރި

ބީއެމްއެލް އިން ގްރީން ފަންޑެއް ތަޢާރަފް ކޮށްފި


ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކުރެއްވުމަށް އެހީތެރިވެދެއްވުމަށް 500 މިލިއަން ރުފިޔާގެ ގްރީން ފަންޑެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފް ކުރައްވައިފިއެވެ.  "ބީއެމްއެލް ގްރީން ފަންޑު"ގެ ނަމުގައި އެކުލަވާލި މިފަންޑު ތަޢާރަފްކޮށްދެއްވީ ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.ބީއެމްއެލް ގްރީން ފަންޑުގެ ނަމުގައި ތައާރަފް ކުރެއްވި 500 މިލިއަން ރުފިޔާގެ މިފަންޑްގެ  މައިގަނޑު މަޤްސަދަކީ އާންމު ދިރިއުޅުމާއި ވިޔަފާރި ތަކުގައި ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުން ކުރުމަށް އެހީތެރިވެދިނުން ކަމަށް ބޭންކުން މަޢުލޫމާތުދެއްވައެވެ. ބީއެމްއެލްގެ ގްރީން ފާންޑާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގެއްލުންތައް ކުޑަކުރުމަށާއި ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރަން ޖެހިފައި ވާކަމަށެވެ. އެހެންކަމުން މިފަދަ ފަންޑެއްގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން ކުރާ އެމަސައްކަތަށް ކުރިއެރުންތަކެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، އެބޭންކުން ބޭނުންވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ އިތުރު ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުން ކަމަށެވެ. އަދި ގްރީންޓެކްނޮލޮޖީއަށް އިންވެސްޓުކުރުމަށް ފުރުސަތު އާއްމުންނަށް މިފަންޑް މެދުވެރިކޮށް ލިބިގެން ދާނެކަމަށް އެންޑްރޫ ވިދާޅުވިއެވެ.ބީއެމްއެލް ގްރީން ފަނޑާއި ގުޅޭ އިތުރު މަޢުލޫމާތު، އަންނަ އަހަރުގެ ކުރީކޮޅު އާންމުކުރައްވާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއްވައެވެ.