ކުޅިވަރު

ފުޓްބޯޅަ ޖީލެއް ބިނާކުރުމަށް ސަލްގާޑޯގެ އެހީތެރިވަނީ


ހައި ޕަރފޯމަންސް ސެންޓަރެއްގެ ތެރެއިން ޒުވާން ކުޅުންތެރިން ބިނާކުރުމަށް ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ކްލަބް، ރިއަލް ހިސްޕަނިއާ އެފްސީއާއެކު އެފްއޭއެމުން މަސައްކަތް ފަށައިފިއެވެ.

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމަށް އެފްއޭއެމުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސަލްގާޑޯއާއެކު މިފަށާ މަސައްކަތުގެ ތެރެއިން ކުދިން ޅަ އުމުރުން ފެށިގެން ހައި ޕަރފޯމަންސް ސެންޓަރެއްގެ ތެރެއިން ތަމްރީންކޮށް، ސިނިއަރ ޓީމްތަކަށް ކުދިން ގެނެސްދިނުމަކީ އެންމެ މުހިންމު އެއް ބޭނުމެވެ.
ސަލްގާޑޯއާއިއެކު އެފްއޭއެމްއިން މިފަށާ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ގްރާސް ރޫޓްއިން ފެށިގެންނެވެ. މިޕްރޮގްރާމް ފެށުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސަލްގާޑޯބުނީ މިއަދު ކުޑަކުދިން ތަމްރީން ކުރުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށާއި ފުޓްބޯޅައިގައި ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ގްރާސް ރޫޓުން ފެށިގެން މަސައްކަތްކޮށްގެންކަމަށެވެ.

މިޕްރޮގްރާމުގެ ދަށުން ފުރަތަމަ މަސައްކަތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓަރުގައެވެ. ހުޅުމާލޭ ސެންޓަރަށް ހޮވޭ ކުދިން ނެގުމަށް ހަމަޖެހިފައިވަނީ އެކި ސަރައްހަދުތަކުގައި ހަދާ 18 އެކަޑަމީއަކުންނެވެ. މި18 އެކަޑަމީ ކުރިއަށްދާނީ ސްކޫލްތަކާއި ނުވަތަ ފުޓްބޯޅަ އެކަޑަމީތަކާއި ގުޅިގެންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 8 އެކެޑަމީ އަތޮޅު ތެރޭގައި 10 އެކެޑަމީ ހުޅުވާނެއެވެ. މީގެ ތެރެއިން އަތޮޅު ތެރޭގައި ހަދާ ދެ އެކެޑަމީ ހުންނާނީ އައްޑޫގައެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ އެކަޑަމީތައް ހަދަން ކަނޑައެޅި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ. އެފްއޭއެމުން ބުނީ މަސައްކަތް ފުޅާކުރެވޭ ވަރަކަށް ރަށްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިޕްރޮގްރާމްއާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަލްގާޑޯ ބުނީ ރާއްޖޭގައި މިމަސައްކަތް މިފަށަކީ ގްރާސް ރޫޓްއިން ކަމަށާއި ސުކަމުން ފަށާއިރު އެންމެންނަށްވެސް މީގައި ކުރިއަށްދާނެ ގޮތާއި ޕްރޮގްރާމް ކުރިއަށް ގެންދަންވެސް ފަސޭހަވާނެކަމަށެވެ. އަދި މިޕްރޮގްރާމް ކުރިއަށް ގެންދާނީ ރާއްޖޭގެ ސަގާފަތާއި އުސޫލްތަކާއި އެއްގޮތަށްކަމަށްވެސް ސަލްގާޑޯ ބުންޏެވެ.

"ފަސް ލޯކަލް ކޯޗުން ހުންނާނެ ހައި ޕާފޯމަންސް ސެންޓަރުގައި ވެސް. 36 ލޯކަލް ކޯޗުން އުޅޭނެ. ފަހަރެއްގައި ފުޅާވަމުންދާ ވަރަކަށް މި އިތުރު ވެސް ވެދާނެ. ލޯކަލް ކޯޗުން ތަމްރީން ކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދާނީ އަހަރެމެންނާއެކު. ކޮންމެ އަހަރަކު އަހަރެމެން މި ނަގަނީ 12 އަހަރުން ދަށުގެ އެންމެ މޮޅު 20 ކުޅުންތެރިން ހައި ޕާފޯމަންސް ސެންޓަރަށް. ހަފްތާއެއްހާ ދުވަހަށް އަހަރެމެން ޓްރެއިނިން ކުރިޔަށް ގެންދާނީ. ކޮންމެ އުމުފުރާ އަކަށް ކޯޗެއް ބަހައްޓައިގެން. އެއީ 12 އަހަރުން ދަށުން ފެށިގެން 17 އަހަރުން ދަށާ ހަމައަށް އަހަރެމެން ބައިތިއްބާނަން އަހަރެމެންގެ ހާއްސަ ކޯޗުންގެ އިތުރުން ނެޝަނަލް ޓީމުގެ ފަސް ކޯޗުން ވެސް މީގެ ތެރޭގައި." ސަލްގާޑޯ ބުންޏެވެ.

ސަލްގާޑޯ ބުނީ އެކަޑަމީތައް 18 ތަނެއްގައި ފަށާއިރު، މިއެކަޑަމީގެ މަސައްކަތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެކަމަށެވެ.