ޚަބަރު

ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން 4512 އަކަމޭލު ބަލައިފި


ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅު އެރި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ކުޑަކުއްޖާ ހޯދުމަށް ކުރާ މަސައްތުގެ ދަށުން މިއަދު ކަނޑުމަގުން، 131 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި އަދި ވައިގެ މަގުން 4،512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑިއެފްއިން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާތަނަށ ްކުރި މަސައްކަތުން އަދިވެސް އެ ކުޑަކުއްޖާ ފެނިފައެއް ނުވެއެވެ.

ލޯންޗުން ކަނޑަށް ވެއްޓުނު ތުއްތު ކުއްޖާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި އަދި މީހަކު ގެއްލިގެން ހޯދުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް މިހާރު ބޭނުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވަނީ އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި އެކުއްޖާ އެވަގުތު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށާއި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންއެވެ. މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން ގެއްލިފައިވާ ކުޑަކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ.