ޚަބަރު

ކެރަލާއަށް ބޯކޮށް ވާރޭވެހި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


ދެކުނު އޭޝިޔާއަށް ކުރަމުންދާ ވިއްސާރާގައި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސުން ބުނީ ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ޙާދިޘާތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ޙާދީޘާތަކުގައި 20އަށްވުރެ ގިނަ މީހުން މަރުވެ އިމާރާރްތަކަށާއި އެ ނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި އިންޑިޔާގެ އަސްކަރީ ފައުޖުތަކާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

35 މިލިޔަން މީހުން ދިރިއުޅޭ ކެރަލާ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 100 ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށެވެ. އަދި މޫސުމީ ކާރިޘާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢާއްމުން ޢަމަލުކުރުމަށް އިލްތިމާޞްކުރާކަމަށް ކެރަލާގެ ސަރުކާރުންވަނީ ބުނެފައެވެ.

2018ވަނަ އަހަރުގެ ތެރޭގައި ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކުގައި 200އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަހާސް ބައެއްގެ ގެދޮރު ގެއްލުނެވެ.