ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާ ދެ ޙަރަމްފުޅު އާންމުކޮށް ހުޅުވާލައިފިއެވެ. ކޯވިޑާއި ގުޅިގެން ސައުދީގައި އެޅި ރައްކާތެރި ފިޔަވަޅުތައް އުވާލާ ދެ ޙަރަމްފުޅު އާންމުކޮށް މި ހުޅުވާލީ ދޮޅު އަހަރެއްހާ ދުވަސްފަހުންނެވެ.
ސައުދީން ވަނީ ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް ދޫކޮށްލާފައެވެ. އޭގެތެރޭގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު ނާޅާ މަގުމަތީގައި ނުޅޭވޭ ގޮތަށް އޮތުންވެސް ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް މި އުސޫލްތައް ހިގާނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
ކޯވިޑާއި ގުޅިގެން ސައުދީގައި އެޅި އެންމެ ހަރުކަށި އަދި އެންމެ ބޮޑު އެއް ފިޔަވަޅަކީ މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީއަށް އަޅުކަމަށް އެއް ފަހަރާ ވަދެވޭ މީހުންގެ އަދަދު މަދުކޮށް އެތަންތަނުގައިވެސް ގައިދުރުކޮށް ނަމާދުކުރުމެވެ.
ދެ ޙަރަމްގައި ޖަމާއަތުގައި ނަމާދުކުރާއިރު ތިބެންޖެހޭ ދުރުމިން ދައްކުވައިދޭ އިސްޓިކާތައް ނައްޓާލާ އިއްޔެ ރޭގެ އިޝާ ނަމާދު ކުރީ ޖަމާއަތުގައި ސަފު ހަދަން އޮންނަ ގޮތަށް ފަޔާއި ފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެންނެވެ.
މީގެ އިތުރުން ހަރަމްފުޅުގައި، ގެފުޅާއި އިބްރާހިމްގެ ގެފާނުގެ މަޤާމު ފުޅާއި ކައިރި ނުވެވޭގޮތަށް ޖަހާފައިވާ ބިއްތަށް ނަގާ އެތަންތަންވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އަދި މިސްކިތަށް އެއް ފަހަރާ ވަކި ވަރަކަށް ވަދެވޭ ގޮތަށް އޮތް އޮތުންވެސް ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ހަރަމްގައު އުޅޭ އިރު އަބަދުވެސް މާސްކު އެޅުމަށް ސައުދީ ސަރުކާރުން އިލްތިމާސްކުރެއެވެ.
After one and a half years…
— Haramain Sharifain (@hsharifain) October 17, 2021
Sheikh Baleelah calls for “Standing together, close the gaps” pic.twitter.com/lkwrhvE3S1
ދެ ޙަރަމްފުޅުގައި ގައިދުރުކޮށް ނަމާދުކުރުން ނިމުމަކަށް ގެނެސް ހަރަމްފުޅުތައް ހުޅުވާލުމާއެކު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ދެ ހަރަމްގައި ވެސް ކުރި ނަމާދުތަކުގެ ޖަމާއަތުގައި ބައިވެރިވެފައެވެ.
ކޯވިޑް ބަލިމަޑުކަން ސަޢުދީގައި ނުރައްކާތެރި ދަރަޖައަކަށްދިއުމާއި ގުޅިގެން މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައިވެސް ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ދެމިސްކިތްވެސް ބަންދުކުރިއެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ސައުދީގައި ކުރިއަށްގެންދިޔަ ވެކްސިން ޕްރޮގްރާމަށްފަހު އެޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށްވަނީ ބޮޑެތި ލުއިތަކެއްދީފައެވެ.