ވިޔަފާރި

ބީއެމްއެލްއާއި ނޯ-ޕްލާސްޓިކް މޯލްޑިވްސް ގުޅިގެން ޕްލާސްޓިކް މަދުކުރުމަށް ޙާއްސަ ކެމްޕެއިނެއް


ބޭންކް އޮފް މޯލްޑިވްސްއާއި، ނޯ ޕްލާސްޓިކް މޯލްޑިވްސް ގުޅިގެން ރަށްރަށުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ޙާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ "އުޅުމަށް ބަދަލު" ކެމްޕެއިންގެ ދަށުން 10 ރަށަކަށް މި ފޮތިކޮތަޅުތައް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅުތައް ފެހުމަށްފަހު ވިއްކޭނެ ނުވަތަ ހިލޭ ބެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މި ހަރަކާތުގައި ކޮންމެ ރަށަކަށްވެސް ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ދެ ފަހާފޮށި ހަދިޔާކުރާނެއެވެ. ފަހާފޮށި ހަދިޔާކުރާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ.ދިއްފުށި، ނ.މާފަރު، ނ. ވެލިދޫ، އައްޑޫ ސިޓީގެ ހިތަދޫ، ކ. މާފުށި، ކ.ގުރައިދޫ، ދ.ކުޑަހުވަދޫ، އއ.ރަސްދޫ، އއ.އުކުޅަސް އަދި ލ.ގަމެވެ.

ބީއެމްއެލްއިން ބުނީ މީގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކާއި ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުންކަމަށެވެ. އަދި މިއީ މުސްތަޤުބަލުގައި އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމެވެ. މިކަމަށްޓަކައި އެ ޖަމިއްޔާއިން ހިންގާ "އުޅުމަށް ބަދަލެއް" ކެންޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.