ކުޅިވަރު

އެހެން ގައުމެއްގައި ސާފު ބޭއްވިނަމަ ޗެންޕިއަން ޓީމަކީ ރާއްޖެ: މުތައިރީ


މިފަހަރުގެ ސާފް ޗެންޕިއަންޝިޕް އެހެން ގައުމެއްގައި ބޭއްވިނަމަ، ޗެންޕިއަން ޓީމަކީ ރާއްޖެކަމަށް ނޭޕާލްގެ ކޯޗު ކުވޭތުގެ ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ. މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލުންވަނީ މޮޅު ކުޅުމެއް ދައްކާ ފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ. މުބާރާތް ފެށުމުގެ ކުރިން ނޭޕާލް ފައިނަލަށް ދާނެކަމަށް ބަޔަކު ހީނުކުރި ނަމަވެސް، ނޭޕާލް އެޓީމުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބުކުރި ލަނޑުން ރާއްޖެ ބަލިކޮށްފައެވެ. ސާފް ޗެންޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލުން ޖާގަ ހޯދިއެވެ.

ފައިނަލް މެޗަށްފަހު ރާއްޖޭގެ ފުޓްބޯޅައާއި ބެހޭގޮތުން ވާހަކަދައްކަމުން މުތައިރީބުނީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާކަމަށާއި ޓީމުގެ ކުޅުންތެރިންނަށް ބަލައިލުމުންވެސް އެކަން އެނގިގެންދާކަމަށެވެ. އަދި 2023ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވެސް ރާއްޖެއަށް އެބައޮތްކަމަށް ނޭޕާލްގެ ކޯޗު ޢަބްދުﷲ އަލްމުތައިރީ ބުންޏެވެ.

"އެކަމަކު، އެއީ އެ ހުރި ހުރިހާ ޕްރެޝަރުތަކުގެ ތެރެއިން ސަލާމަތްވެވިގެން. ފަހަރެއްގައި ރާއްޖެއިން މި މުބާރާތް ހޯސްޓްނުކުރިނަމަ އެ މީހުންނަކީ ޗެމްޕިއަނުން ކަމަށް ވެސް ވެދާނެ. އެއީ އަހަރެންގެ ވިސްނުން. އަމިއްލަ ދަނޑުގައި ކުޅޭއިރު ބައެއް ފަހަރު ވަރަށް އުނދަގޫވާނެ. މެންޓަލިޓީ އަށް ބަލާއިރު ވެސް ޗެލެންޖް އެބަހުރި، އެ ފެނުނު. އަހަންނަށް ފާހަގަވި ބައެއް ކުޅުންތެރިންގެ ކިބައިން ހޯމް ސަޕޯޓްގެ ޕްރެޝަރު." މުތައިރީ ބުންޏެވެ.

މުތައިރީބުނީ މިއީ ނޭޕާލަށް ކާމިޔާބު މުބާރާތެއްކަމަށާއި ނަމަވެސް ފައިނަލްގައި ކުޅެ ޗެންޕިއަންކަން ނުލިބުމުން، އެއީ ހަމަ އެއްވެސް އެއްޗެއް ނުލިބުންކަމަށެވެ. މުތައިރީ ބުނީ މިއީ ކޯޗެއްގެ ހައިސިއްޔަތުން އޭނާއަށްވެސް ވަރަށް ޚާއްސަ ފައިނަލެއްކަމަށާއި ސީނިއަރ ޓީމާއެކު މުބާރާތެއް ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރުކަމަށެވެ. މުތައިރީ ބުނީ މިއީ އަދި ފެށުންކަމަށާއި ނޭޕާލަށް މިސަރައްހަދުގައި ވަރަށް ކުރިއަށް ދެވިދާނެކަމެވެ.

ރޭގެ ފައިނަލަކީ މުތައިރީ ނޭޕާލަށް ކޯޗުކޮށްދިން ފަހު މެޗެވެ. އޭނާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ގައުމީ ޓީމުން އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް، އެ އަށް އަމަލުކުރަން ފަށާނީ ސާފް ނިމުމުން ކަމަށް ވަނީ ނިންމާފައެވެ.