ފަޤީރުކަން ނައްތާލުމަށް އެންމެ ނާޒުކު ހާލުގައި އުޅޭ ރައްޔިތުންނަށް ޤައުމުތަކުން އެހީތެރިވާންޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ފަގީރުކަން ނައްތާލުމާއި ގުޅޭ ބައިނަލްއަގުވާމީ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާއި އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން 2030ގެ ކުރިން ނައްތާލުމަށްކުރާ މަސައްކަތަށް ކޮވިޑް-19ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ދަމަހަށްޓައި، ކޯވިޑް-19ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އިތުރަށް މަސައްކަތްކުރަން ޖެހޭކަން އަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އާންމު މަޖިލީހުގެ ރައީސް ވިދާޅުވީ، ތައުލީމާއި ސައިންސް އަދި އިގްތިސާދީ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އަދި އެކަމުގައި ފަޚުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތައް ފަހިކޮށް، ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތްކުރުމުގައި ޤައުމުތަކުން ދެމިތިބެންޖެހޭކަމަށެވެ.
ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ޤައުމުތަކުން ކޯވިޑް-19ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވެ، އައު ވިޔަފާރިފަދަ ދާއިރާތަކަށް ފައިސާއާއި މަސައްކަތްތެރިންނާއި ހުނަރާއި އައު ކަންކަން ފަހިކޮށްދިނުންކަމަށްވެސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
We need collective action to ensure that years of progress achieved in poverty reduction are not erased.
— UN GA President (@UN_PGA) October 17, 2021
My message on Int’l Day for the Eradication of Poverty ? pic.twitter.com/3BXOsnP8G8
މިގޮތުން ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރާއިރު، ޤައުމުތަކުން ސާބިތުވާންވީ ސާފު، ފެހި އަދި ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެއަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށްކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ފަޤީރު ގޭބިސީތަކަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފައިދާ 75 ޤައުމެއްގައި ދިރިއުޅޭ 92 މިލިއަނެއްހާ މީހުންނަށް ކުރަމުންދާކަމަށް ވޯލްޑު ބޭންކުން ވަނީ މިއަހަރުގެ ކުރީކޮޅު ހާމަކުރައްވާފައެވެ.
އެ ބޭންކުން މިކަން ހާމަކުރި ރިޕޯޓު ޝާޢިއުކޮށްފައި މިވަނީ ކޯވިޑްގެ ސަބަބުން 100 މިލިއަނަށްވުރެ ގިނަ މީހުން އެންމެ ފަޤީރު ޙާލަތަށް ވެއްޓޭނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފަޤީރުންގެ ނިސްބަތް އިތުރުވާ ފުރަތަމަ ފަހަރެވެ.