ކުޅިވަރު

ފަހު 10 މިނެޓުގައި ޖެހި ތިން ލަނޑުން ވުލްވޯސްއަށް މުހިއްމު މޮޅެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޕްޓަން ވޮންޑަރސް އާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ވުލްވްސް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ވުލްވްސްއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ވިލާއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑެނީ އިންގްސްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯން މެގިންއެވެ. މިމެޗުގައި ވިލާއިން ދެލަނޑުގެ ލީޑެއް ނެގުމުން މިމެޗް އެޓީމް ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރި ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް މެޗްގެ ނަތީޖާ ބަދަލުވީ މެޗްގެ ފަހު 10 މިނެޓްގެ ތެރޭގައި ވުލްވްސްއިން ކާމިޔާބުކުރި ތިން ލަނޑާއެކުގައެވެ. މިގޮތުން ވުލްވްސްގެ ފުރަތަމަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާ ދެޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދިނީ ރޯމެއިން ސައިސް ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ ކޮނޯ ކޯޑީއެވެ. އަދި މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ރުބެން ނެވޭސްއެވެ.

މިކާމިޔާބީއާއެކު ވުލްވްސް މިހާރުވަނީ ކުޅުނު އަށް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވިލާ މިވަނީ މިނާކާމިޔާބީއާއެކު އަށް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ވެއްޓިވެފައެވެ.