ޚަބަރު

ކޮންޓްރެކްޓް ފާމިންގައި 500އަށްވުރެ ގިނަ ދަނޑުވެރިން


އެގްރޯ ނެޓްގެ ކޮންޓްރެކްޓް ފާމިން ޕްރޮގްރާމްގައި މިހާތަނަށް 500އަށް ވުރެ ގިނަ ދަނޑުވެރިންނާއެކު އެއްބަސްވުން އެކުލަވާލާފައިވާކަމަށް އެކުންފުނިންގ ވިދާޅުވެއްޖެއެވެ. އަދި ދެހާހަށްވުރެ ގިނަ ދަނޑުވެރިން ޝައުގުވެރިވާކަމަށްވެސް އެކުންފުނިންގ ވިދާޅުވެއެވެ.

އެގްރޯނެޓާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 67 ރަށަކުން ދަނޑުވެރިންގެ އަތުން އެކުންފުނިން އަންނަނީ ތަކެތި ގަންނަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރޯ ނެޓްގެ ހެޑް އޮފް މާކެޓިންގ އަޙްމަދު ޒަކީ ވިދާޅުވީ މިހާތަނަށް އެކުންފުންޏާއެކު 516 ދަނޑުވެރިޔަކު އެއްބަސްވުން އެކުލަވާލާފައިވާކަމަށެވެ. އަދި މިވަގުތުވެސް 185 ދަނޑުވެރިޔަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޕްރޮގްރާމް ކާމިޔާބުކަން ފާހަގަކުރައްވަމުން ޒަކީ ވިދާޅުވީ މިހާތަނަށް ދެހާހަށްވުރެ ގިނަ ދަނޑުވެރިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެގޮތުން މިވަގުތުވެސް އެގްރޯ ނެޓާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން 145 ދަނޑުވެރިއަކު އަންނަނީ ދަނޑު ހައްދަމުންނެވެ. މީގެތެރެއިން 58 ފަރާތެއްގެ ދަނޑުތަކުން އެކުންފުނިންވަނީ ކާބޯތަކެތި ގަނެފައި ކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

މިޕްރޮގްރާމްގެ ދަށުން އެންމެ ފަހުން ކޮންޓްރެކްޓް ފާމިންގ ތަޢާރަފްކޮށްފައިވަނީ ތ.ކަނޑޫދޫގައެވެ. މިޕްރޮގްރާމް ކަނޑޫދޫގައި އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ޙަސަންއެވެ. މިޕްރޮގްރާމް ކަނޑޫދޫގައި ފަށާފައިވަނީ އެގްރޯ ނެޓު ކުންފުންޏާއެކު އެއްބަސްވުން އެކުލަވާލާފައިވާ ދަނޑުވެރިއެއްގެ ދަނޑުގައެވެ.

އެގްރޯގެ ހެޑް އޮފް މާކެޓިންގ އަޙްމަދު ޒަކީ ވިދާޅުވީ ކަނޑޫދޫގައި އިފްތިތާޙްކުރެވުނު ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމާއެކު އެއްބަސްވުން އެކުލަވާލެވުނު ދަނޑުވެރިޔާއަށް އެމަސައްކަތުގައި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އެގޮތުން ދަނޑުހެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ދަނޑުން ގޮވާން ކަނޑާ އެތަކެތި މާކެޓްކުރުމާއި އެހެން ރަށަކަށް ފޮނުވަންޖެހޭ ޙާލަތުގައިވެސް ހުރިހާކަމެއް ކުރާނީ އެގްރޯނެޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓްރެކްޓް ފާމިންއަށް މިކިޔަނީ ހަގީގަތުގައި ޝެޑިއުލްޑް ފާމިންއޭ. އޭގެ މާނައަކީ މުޑުވަށް ކުރުމާ ހަމައިން ފެށިގެން މިތަކެތި ކެނޑުމާ ހަމައަށްވެސް ބެލެހެއްޓެނިވިގޮތެއްގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެ. މިަމަސައްކަތުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެ. ހާވެސްޓްކުރާ ހިސާބުން އަޅުގަނޑުމެން އެތަކެއްޗާ ޙަވާލުވާނަން. ދަނޑުވެރިޔާއަށް ދޭންޖެހޭ ޕޭމަންޓް އަޅުގަނޑުމެން އެއްހަފްތާތެރޭގައި ޙަވާލުކުރަން"އަޙްމަދު ޒަކީ ވިދާޅުވިއެވެ.

ދެއަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިންނާއި ގުޅިގެން ބޭނުންވާ ފަންނީ އެހީތެރިކަން އެގްރޯ ނެޓުން ދަނޑުވެރިންނަށް ފޯރުކޮށްދެއެވެ. އެގޮތުން މިދަނޑުތަކުގައި އެގްރޯނެޓުން އެކުލަވާލާފައިވާ ލިސްޓުގައި ހިމެނޭ ބާވަތްތައް އެކުންފުނިންގ ކަނޑައަޅާފައިވާ އަގުތަކެއްގައި ގަތުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މިވަގުތު 60 އަށްވުރެ ގިނަ ރަށްރަށުގައި މިމަސައްކަތް ކުރިއަށްދާއިރު މިކަމަށް ޝައުގުވެރިވާ އެހެން ރަށްރަށުންވެސް ކައުންސިލް މެދުވެރިކޮށް އެގްރޯނެޓަށް ހުށައެޅުމަށް އެކުންފުނިން އެދެއެވެ. ދަނޑުވެރިންކުރާ މަސައްކަތަށް ހަމަ އަގު ހޯދައިދީ ދަނޑުވެރިން ހައްދާ ބާވަތްތައް ހަލާކުވުން މަދުކުރުމަށް ސަރުކާރު ސަތޭކަ ޕަސެންޓު ހިއްސާވާ ކުންފުންޏެއް އުފައްދާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.