ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށައިފި


ހައިކޯޓުގެ ދެކުނު ގޮތްފީގެ މަސައްކަތް މިއަދު ފަށާ، އެ ގޮތްޕަށް ހަމަޖައްސާފައިވާ ފަނޑިޔާރުން ތިއްބަވާ ގެތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށްފިއެވެ. ހައިކޯޓްގެ ދެކުނު ގޮފީގައި ތިއްބަވާ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބް ޙުސެއިން ޒަކަރިއްޔާއެވެ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހައިކޯޓްގެ 3 ފަނޑިޔާރުން ތިއްބަވާ ތިން ގޭގެ ސަލާމަތީ ކަންކަން ކޮންމެ ދުވަހަކު ސައްވީސް ގަޑިއިރު ބަލަހައްޓަން ޖެހޭނެކަމަށެވެ. އަދި މި ތިން ފަނޑިޔާރުން ތިއްބަވާ ގޭގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަބަދުވެސް ސެކިއުރިޓީއެއް ހުންނަން ޖެހޭއިރު، އެ ސެކިއުރިޓީއަކީ ދިވެއްސަކަށް ވާންޖެހޭނެކަމަށްވެސް ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.ހައިކޯޓްގެ ދެކުނު ގޮފީގެ މަސައްކަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. އެ ގޮފިން ބަލަމުން ގެންދާނީ ގއ، ގދ އައްޑޫ ސިޓީ އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްތަކުން ނިންމާ މައްސަލަތަކެވެ. ހައިކޯޓް ދެކުނު ގޮފީގެ އިސް ފަނޑިޔާރަކަށް ހަމަޖައްސަވާފައިވަނީ، ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދުއެވެ.