ވިޔަފާރި

އިންޑިއާގެ ބައެއް މީޑިއާތަކާ އެމްއެމްޕީއާރުސީން ބައްދަލުކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާ މާކެޓުގައި އިސްތިހާރުކުރުމުގައި އެހީތެރިވެދޭ އެޤައުމުގެ މީޑިއާތަކާއި ނުފޫޒުގަދަ ބައެއް ފަރާތްތަކާ އެމްއެމްޕީއާރުސީން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން އޮތީ އިންޑިއާގެ މުމްބާއީގެ ގްރޭންޑް ހަޔާޓްގައި ކުރިއަށްދިޔަ މިލްޓް ކޮންގްރެސް ނިންމާލުމަށްފަހުއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޠައްޔިބުވަނީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރުމުގައި އިންޑިއާގެ މީޑިއާތަކާއި މީޑިއާއާއި ސޯޝަލްމީޑިއާގައި ނުފޫޒުގަދަ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގައި އެކި ފަންތީގެ ފަތުރުވެރިންނަށް ލިބެން ހުރި ޚިދުމަތްތަކާއި، ފުރުސަތުތަކާބެހޭގޮތުން ޠައްޔިބުވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ޙަރަކާތް މެދުވެރިކޮށް އިންޑިއާގެ މައިސް ސެގްމެންޓުގެ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދިނެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ 15އަށްވުރެ ގިނަ ނޫސްވެރިންނާއި ބްލޮގަރުންނާއި މީޑިއާއާއި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

މިއީ ތަފާތު މާހައުލަކުން އިންޑިއާގެ މިފަދަ ފަރާތްތަކާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ. މި ބައްދަލުވުމުގެ ސަބަބުން އިންޑިއާގެ މީޑިއާތަކާއި އެމްއެމްޕީއާރުސީއާ ގުޅިގެން ކުރާ މަސައްކަތާއި ކުރިއަށްއޮތްތަނުގައި ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ މިއަހަރުގެ މިހާތަނަށް ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މީޑިއާ ފޭމް ޓްރިޕްތަކާއި ސެލެބްރިޓީ ފޭމް ޓްރިޕްތަކާއި ޓްރެވަލް އެޖެންޓްސް ފޭމް ޓްރިޕްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 211062 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.