ކުޅިވަރު

ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ


މިއަންނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮންމެ އަހަރުވެސް އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު އިރުޝާދު ދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ރާއްޖެއިންވަނީ ވަރަށް ކާމިޔާބުކަމާއެކު ސާފް ޗެންޕިއަންޝިޕް މުބާރާތް ކުރިއަށް ގެންގޮސް ނިންމާލާފައެވެ. 5 ގައުމު ވާދަކުރި މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ.

ފައިނަލް މެޗާއި އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. ޚާއްސަކޮށް މިއަދުގެ ސަރުކާރާއި އެފްއޭއެމްގެ ނަން މިނިސްޓަރ ފާހަގަކުރިއެވެ. މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އޮތްވަރު މި މުބާރާތުން ފެނިގެންގޮސްފައިވާކަމަށެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅުނު ކޮންމެ މެޗެއްގައިވެސް ވަނީ ދަނޑު ފުރާލާފައެވެ. ރާއްޖޭގެ ސަޕޯޓަރުންވަނީ 12ވަނަ ކުޅުންތެރިޔާގެ ރޯލް ވަރަށް ރަނގަޅަށް އަދާކޮށްފައެވެ. މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިހާރު މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރައީސުލް ޖުމްހުރިއްޔާ ލަފާދެއްވައި، މުބާރާތް ރޭވުމަށް އެދިވަޑައިގެންފައިވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

"އަސްލުގައި މިމުބާރާތް އޮތީ އަޅުގަނޑުމެން އަތުން ގެއްލިފަ. މިމުބާރާތް ނުބޭއްވޭނެ ހިސާބަށް ގޮސްފަ އޮއްވާ އަޅުގަނޑާއި ބައްސާމްއާއި ވާހަކަދެކެވިގެން، ރައީސްގެ އެއްބާރުލުމާއެކު މުބާރާތް ކުރިއަށް މި ގެންދެވުނީ. މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެން ހީނުކުރާވަރަށް ފުޓްބޯޅައިގެ ފޯރި ގަދަވެއްޖެ. މިއާއެކީގައި ރައީސްވަނީ އަޅުގަނޑާއި ބާއްސާމަށް ލަފާދީފަ ރާއްޖޭގައި ކޮންމެ އަހަރަކުވެސް އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް. އަދި މިއަންނަ އަހަރުން ފެށިގެން މުބާރާތް ބޭއްވުމަށް އަޅުގަނޑާއި ބައްސާމްވެސް އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާނަން." މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ އިތުރުން މިހާރުވެސް ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތަކެއް ބާއްވާފައިވާކަމަށާއި އަދި މިއަންނަ އަހަރުވެސް ގިނަ މުބާރާތްތަކެއް ބޭއްވޭނެކަމަށެވެ. އެގޮތުން އޭޝިއަން ބޮޑީ ބިލްޑިން، އޭޝިއަން ސާރފިން އަދި ބެޑްމިންޓަންގެވެސް އިންޓަރނޭޝަނަލް މުބާރާތަކުގެ އިތުރުންވެސް ގިނަ ބައިނަލަގްވާމީ މުބާރާތްތަކެއް މިއަންނަ އަހަރު ބޭއްވިގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިފާޅުވިއެވެ.