ޚަބަރު

އެންސްޕާގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދެނީ


ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މުޢާމަލާތްކުރުމަށް އެންސްޕާގެ މުވައްޒަފުން ތަމްރީނުކުރަމުންދާކަމަށާއި، ކުރިއަށް އޮތްތަނުގައި އެންސްޕާއިން އެހީ ދޫކުރާނީ، ސީދާ އެކުދިންނާ އިންޓަވިއުކުރުމަށްފަހުކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.ޕީއެސްއެމާއި ވާހަކަ ދައްކަވަމުން މުޖުތަބާ ޖަލީލް ވިދާޅުވީ، އެންސްޕާއިން އެހީ ދޫކުރުމުގައި ގޭގެއަށް އެންސްޕާގެ މުވައްޒަފުން ދިއުމަށްފަހު، އެކުދިންގެ ބެލެނިވެރިންނާއި އިންޓަވިއުކުރުމުގެ ބަދަލުގައި، ސީދާ އެކުދިންނާއި އިޝާރާތުން އިންޓަވިއުކުރުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން  މި ތަމްރީން ޕްރޮގްރާމް ނިމުމުން އެކުދިންނާއި މުޢާމަލާތް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބި، އެމީހުންގެ އިޙްސާސްތައް ދެނެގަނެވޭނެކަމަށް މުޖުތަބާ ވިދާޅުވި. މިކަމުގެ ސަބަބުން އެންސްޕާއިން އެހީ ދޫކުރާ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ބާރަ ފަރާތަކަށް ވަޒީފާގެ ފުރުޞަތުވެސް ދީފައެވެ. މިކަމާއި ގުޅިގެން މުޖުތަބާ ވިދާޅުވީ، މިއަހަރު އިތުރު ވަޒީފާތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމަށް ނިންމަވާފައިވާކަމަށާއި،  މިކަމުގެ ސަބަބުން އެކުދިންގެ މުސްތަގުބަލަށް އިތުރު އުޖާލާކަމެއް ލިބިގެންދާނެކަމަށެވެ.