ކުޅިވަރު

ފައިނަލްގައި ވާދަކުރުމަކީ ލިބުނު ކާމިޔާބީއެއް - ކިރަން ކުމާރު


ސާފް ޗެމްޕިއަންޝިޕްގެ ތަށި ނުލިބުނަސް ފައިނަލުގައި ވާދަކުރުމަކީވެސް ބޮޑު ކާމިޔާބެއްގެ ގޮތުގައި ނޭޕާލްގެ ކެޕްޓަން ކިރަން ކުމާރު ލިމްބޫ ސިފަކޮށްފިއެވެ. ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ ފައިނަލްގައި ވާދަކޮށް އިންޑިޔާ އަތުން ނޭޕާލް ބަލިވީ ތިނެއް ސުމަކުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ނޭޕާލް ވާދަކުރި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނޭޕާލްގެ ކެޕްޓަން ކިރަން ކުމާރު ލިމްބޫ ބުނީ ފައިނަލުގައި ބޭނުންވި ގޮތަށް ޓީމަށް ނުކުޅެވުނުކަމަށާއި، ބަލިވުމުން މާޔޫސްވެއްޖެކަމަށެވެ. ނަމަވެސް ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބެއްކަމަށް އޭނާ ބުންޏެވެ. ކިރަން ބުނީ ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ ޓީމަކާއިއެކު އައިސް މި މުބާރާތުގެ ފައިނަލުގައި ވާދަކުރެވޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގުކަމަށެވެ. އަދި ކޯޗުންނާއި އޮފިޝަލުންވެސް ބުރަކޮށް މަސައްކަތްކުރިކަން ފާހަގަކޮށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ.

"ބޭނުންވި ގޮތަކަށް ނުކުޅެވުނު، ބަލިވުމުން ދެރަވެއްޖެ. އެކަމަކު އަހަރުމެން އަލަށް މި ކުޅުނީ ފައިނަލް. އެކަމާ ފަހުރުވެރިވާންޖެހޭ. މިއީވެސް ހަމަ ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ" ކިރަން ބުންޏެވެ.

ކިރަން ބުނީ މިހާރު ނޭޕާލްގައި އޮތް ޓީމަކީ ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ފެންވަރުގެ ޓީމެއްކަމަށާއި، މި ފައިނަލަކީ އެކަންކަމުގެ ފެށުންކަމަށެވެ. އަދި މިފަހަރުގެ ފައިނަލުން ބަލިވިކަމުގައިވިޔަސް ހިތްވަރާއެކު އެނބުރި އައިސް އުއްމީދަކީ ތަށި ހޯދުންކަމަށްވެސް އޭނާ ބުންޏެވެ. ނޭޕާލުންވަނީ މިހާތަނަށް ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގައިވެސް ވާދަކޮށްފައެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމަށް ސާފް ޗެމްޕިއަންޝިޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1993ވަނަ އަހަރު ތިންވަނަ ހޯދުމެވެ.