ޚަބަރު

215 ކިލޯގެ ހެރޮއިން : ހައްޔަރުކުރީ މަޑުއްވަރީ 2 މީހުން، ލޯންޗުންވެސް ބައެއް ސާމާނު ގެންގޮސްފި


މިދިޔަ ބުދަދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ވަޅުލާފައި ހުރީ ރ.އަތޮޅު ޅާނބު ގަލި ކިޔާ ފަޅު ރަށެއްގައިކަން "ޕީއެސްއެމް ނިއުސް"އަށް އެނގިއްޖެއެވެ.

މި އޮޕަރޭޝްންގައި ފުލުހުން ވަނީ 215 ކިލޯގެ ހެރޮއިން އެރަށުން ހޯދާފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެކެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ރ.މަޑުއްވަރީއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ދެމީހުންނަށް ފާރަލައިގެން ކަނޑުމަތިންކަން ވަނީ އެނގިފައެވެ. އަދި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މީހުން ލޯންޗްގައި އައިސް މަޑުއްވަރީއަށް ވަންނަނިކޮށްކަމަށްވެސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބެއެވެ.

ޑްރަގްސް ވަޅުލާފައި ހުއްޓާ ފެނުނު ފަޅު ރަށަކީ މަޑުއްވަރީން ލޯންޗެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.

މި ދެމީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދަތުރު ކުރި ލޯންޗް މަޑުއްވަރީއަށް އެހެލުމަށްފަހު ފުލުހުން ވަނީ އެ ލޯންޗު ބަލާ ފާސްކޮށްފައެވެ. އަދި ލޯންޗްގެ އެތެރެ ކިހާލުމަށްފަހު ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ގެންގޮސްފައިވާކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ލޯންޗުގެ ވެރިފަރާތަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރާ މީހެއްކަމަށް އެ ރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. އަދި ރަށުގެ ނިސްބަތުން އެމީހާއަކީ ވަރަށް މުއްސަނދި މީހެއްކަމަށްވެސް އެ ރަށު މީހުން ބުނެއެވެ.

ރ. އަތޮޅުގެ ފަޅުރަށަކުން 215 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާއިރު، މިމަހުގެ 13 ވަނަދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. މިމައްސަލައާ ގުޅިގެން 10 މީހެއް ހައްޔަރުކުރިނަމަވެސް އޭގެތެރެއިން 2 މީހަކު ވަނީ ދޫކޮށްލާފައެވެ. މައުލޫމާތު ލިިބިފައިވާ ހައްޔަރުކުރުމުގައި ހުރި އިޖުރާއީ މައްސަލަތަކެއްގެ ސަބަބުން ދޫކޮށްލާފައިވަނީ މިކަމުގައި އުޅޭ އެންމެ އިސް ދެ މީހުންނެވެ. ފުލުހުން ވަނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ޕީޖީއަށް ހުށަހަޅާފައެވެ.