ދުނިޔެ

ސޫރިޔާގެ މައްސަލައިގައި ރަޝިޔާއާ އެމެރިކާއިން އެއްގަލަކަށް!


ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ގޮވާލާ އދގެ ޤަރާރު ފާސްކުރުމަށް ދުނިޔޭގެ ބާރުތަކުން އަންނަ ހުކުރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި ބައްދަލުކުރާނެ ކަމަށް އެމެރިކާއާއި ރަޝިޔާއިން ހާމަކޮށްފިއެވެ.އެދެގައުމުން މިކަން ހާމަކޮށްފައި ވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ރަޝިޔާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ރައީސާ ޚާރިޖީ ވަޒީރާ އެކު ބޭއްވި ބައްދަލުކުރެއްވުންތަކަށް ފަހުގައެވެ.ސޫރިޔާގެ ހަނގުރާމައަށް ފަސް އަހަރު ވެފައިވާ އިރު، ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދާ މެދު އިރުމަތީގެ އެންމެ ބައިބޯ އެއް ގައުމުގައި ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން މިހާތަނަށް ކޮށްފައިވަ ހުރިހާ މަސައްކަތެއް ވެސް ވަނީ ނާކާމިޔާބުވެފައެވެ. މިކަމުގައި އދގެ ސަލާމަތީ މަޖިލީހުން ވެސް ވަކި ޤަރާރުތައް ފާސްކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބަސްވުމެއްވެސް ޤާއިމުކޮށްފައިވެއެވެ. އެހެން ނަމަވެސް، ސޫރިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ފައުޖުތަކާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ އިދިކޮޅު ހަނގުރާމަވެރިން ދަނީ އަދިވެސް ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންނެވެ. އަނެއްކޮޅުން، ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކުން ވެސް ވަނީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެ މަސްހުނިވެފައެވެ. ސޫރިޔާގެ ފަސް އަހަރުވީ ހަނގުރާމައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލެއް ހޯދުމަށް ނުކުޅެދިފައިވަނީ މިމައްސަލައިގައި ދުނިޔޭގެ ދެ ބާރު ކަމަށްވާ އެމެރިކާއާ ރަޝިޔާއިން ގެންގުޅޭ ސިޔާސަތު ތަފާތުވުމުން ކަމަށް މުރާސިލުން ދެކެއެވެ.ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ރަޝިޔާއިން ފާޅުގައި ތާއިދުކުރާ އިރު އެމެރިކާއިން ވަނީ ސޫރިޔާގެ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދޭނީ އަސަދު ވެރިކަމާ ދުރުވެވަޑައިގެންނެވުމުން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތަކީ ދެޤައުމުގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް ކަމަށް އެމެރިކާއާ ރަޝިޔާއިން ވެސް އިއްތިފާޤުވެއެވެ. އެހެން ކަމުން، ސޫރިޔާގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަން ވެސް ދެ ޤައުމަށް ވިސްނެއެވެ.މިފަދަ ދަނޑިވަޅެއްގައި، ސޫރިޔާގެ މައްސަލައިގައި ހައްލެއް ހޯދުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ މަގެއް ފެނިފައިވާ ކަމަށް އެމެރިކާއާ ރަޝިޔާގެ ޚާރިޖީ ވަޒީރުން ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ، ސޫރިޔާގެ މައްސަލައިގައި ބާއްވާ ވާހަކަތަކުގައި އިދިކޮޅު އިއްތިހާދުން ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތްތައް އެމެރިކާއާ ރަޝިޔާއިން ގުޅިގެން ކުރާނެ ކަމަށާ ބައިނަލްއަޤްވާމީ ބާރުތަކުން އެކުލަވާލާ އޮނިގަނޑެއްގެ ދަށުން ސޫރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާއާ ރަޝިޔާއިން ބާރު އަޅާނެ ކަމަށެވެ.ލަވްރޯފް ވަނީ ކެރީއާ އެކު ކުރިއަށް ގެންދިޔަ ވާހަކަތަކަކީ ބިނާކުރަނިވި ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ، ރަޝިޔާއާ  އެމެރިކާއާ ދެމެދު ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް ދެޤައުމުން ގުޅިގެން މަސައްކަތްކޮށްފިނަމަ ގިނަ ކާމިޔާބީތައް ހާސިލްވުމަކީ ސާބިތުވެފައިވާ ކަމެއް ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ދުނިޔޭގެ ބާރުތަކުން ސޫރިޔާގެ މައްސަލައިގައި އެމެރިކާގެ ނިއު ޔޯކްގައި ބައްދަލުކުރާނެ ކަމަށާ މި ބައްދަލުކުރުމުގެ ބޭނުމަކީ ސޫރިޔާގެ ސުލްޙައިގެ މަޝްވަރާތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ އދގެ ޤަރާރު ފާސްކުރުން ކަމަށް ވެސް ކެރީ ވިދާޅުވިއެވެ.