ޚަބަރު

މަޙުމޫދުގެ މަރާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި


ދަނގެތީގައި މަރާލާފައި އޮތްވާ ފެނުނު މަޙުމޫދުގެ މަރާ ގުޅިގެން ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ މިމައްސަލައިގައި ހައްޔަރުކުރި ފުރަތަމަ މީހާއެވެ.

ހައްޔަރު ކުރި ބިދޭސީ މީހަކީ ދަނގެތީގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބިދޭސީ މީހާއަށް ޝައްކުކުރެވެނީ ކޮން ގޮތަކުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުންދާނެކަމަށެވެ. މިހަމަލާއާ ގުޅިގެން ފުލުހުންގެ ތަޙްޤީގު ޓީމުން އަދިވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަޙުމޫދުގެ މަރާ ގުޅިގެން 3މީހަކަށް ޝައްކުކުރާ ކަމަށް ރަށުގެ ރައްޔިތުން ބުނަމުންދިޔަ ނަމަވެސް، އޭގެ ތެރޭގައި ބިދޭސީއެއް ނުހިމެނެއެވެ.

މަޙުމޫދު މަރާލާފަ އޮއްވާ ފެނިފަވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އޮތީ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން ފަރާތްތަކުން ބުނެއެވެ. އަދި އިތުރު ތަޙުލީލުތަކަށް މަޙުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އަނބުރާ ރަށަށް ގެންގޮސް ހަށިގަނޑު ވަޅުލީ އިއްޔެ ހަވީރުއެވެ.

މަޙުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ޝައްކުކުރި 3 މީހަކު ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް ފަހުން މި ތިން މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބާލާ، މަހިބަދުއަށް ގެންގޮސްފައެވެ. މިއިން އެއްވެސް މީހަކު މިކަމުގައި ޝާމިލްވަކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަޙުމޫދުގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ބުދަދުވަހުގެ ރެއެވެ. އެހެންކަމުން ބެލެވެނީ އޭނާއަށް ޙަމަލާދީ މަރާލާފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގަކަމަށެވެ.