ވިޔަފާރި

އިޓަލީގައި ވެކްސިން ނުޖަހާ މީހުންނަށް ވަޒީފާއަށް ނުނިކުމެވޭގޮތް ހަދައިފި


އިޓަލީގައި ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ވަޒީފާއަށް ނުނިކުމެވޭގޮތް ހަދައިފިއެވެ.

މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މިއުސޫލުގައިވާ ގޮތުން އިޓަލީގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ 'ގްރީން ޕާސް' ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެއެވެ. ގްރީން ޕާސްއަކީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށާއި، ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިޓަލީ ސަރުކާރުން ދޭ ލިޔުމެކެވެ.

މި ލިޔުން ނެތް ފަރާތްތަކަށް ވަޒީފާއަށް ނުނިކުވޭނެއެވެ. މިއާއެކު އެ މުވައްޒަފަށް ދެނީ މުސާރަ ނުލިބޭ ޗުއްޓީއެކެވެ. މި އުސޫލަށް އަމަލުނުކުރާ އަދި ދެކޮޅު ހަދާ ފަރާތްތައް 1740 ޑޮލަރުގެ ޖޫރިމަނާ އެއްވެސް ދައްކަންޖެހިދާނެ ކަމަށް އިޓަލީ ސަރުކާރުން ހާމަކުރެއެވެ. އިޓަލީ ސަރުކާރުން ހާމަކުރާގޮތުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިމިވަނީ އެޤައުމުގައި ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ކުރުމަށެވެ.

ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އިޓަލީގެ ގިނަ ބަޔަކު ދެކުނު ނަމަވެސް އެޤައުމުގެ ބައެއް ހިސާބުތަކުގައި މިކަމާއި ދެކޮޅަށް އާއްމުންދަނީ އެއްވުންތައް ބާއްވަމުންނެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެޤައުމުގައި 12 އަހަރުން މަތީގެ އާބާދީގެ 80.8 އިންސައްތަ މީހުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާއިރު، 85 އިންސައްތަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އިޓަލީއަކީ ޔޫރަޕްގެ ޤައުމުތަކުގެތެރެއިން ވެކްސިން ޖެހުމަށް ބާރު އަޅާ މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމެވެ.