ވިޔަފާރި

އޫރީދޫއިން މުޅި ރާއްޖޭގައި ފައިބަރ އޮޕްޓިކް ކޭބަލް އަޅަނީ


އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ އުތުރުން ދެކުނަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި ހުއާވޭ މެރިން އާއިއެކު 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ، ހޯމް މިނިސްޓަރ އުމަރު ނަސީރާއި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހައެވެ.ހުއާވޭ މެރިން 100 ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިގެންދާ ގޮތަށް އެޅިގެންދާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ހިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓް އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދިވެހި ސަރުކާރުގެ އަމާޒަކީ މި ސަރަހައްދުގައި ޑިޖިޓަލް ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމުގައެވެ.މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމަ ސިންހަ ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައިވާ މުޖުތަމަޢުތައް ގުޅުވާލަދީ ޑިޖިޓަލް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް މިއީ އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އުރީދޫއިން ފިކްސްޑް ލައިންއާއި މޮބައިލް މަނީ ފަދަ އާ ޙިދުމަތްތައް އާންމުންށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު ނޭޝަން ވައިޑް ސަބްމެރިން ކޭބަލްގެ ސަބަބުން މޯބައިލް ބްރޯޑްބޭންޑާއި ފައިބަރ އިންޓަރނެޓްގެ ޙިދުމަތްތައް ގޭގެއަށާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭނެކަމަށް އުރީދޫއިންވަނީ ބުނެފައެވެ. އުރީދޫގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އަޅާ އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 2016 ގެ ނިޔަލަށެވެ.